ކުޅިވަރު

އަހަރަމެން ކޮންމެހެންވެސް މޮޅުވާން ޖެހޭ: ޕިރްލޯ


ޔުވެންޓަސްގެ ކޯޗުކަމުގައި ހުންނައިރު ކޮންމެހެންވެސް މޮޅުވާންޖެހޭކަން އޭނާއަށް އެނގޭކަމަށް އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޕްރީ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރުމަށްފަހު ޕިރްލޯ ބުނީ މުޅި ޓީމު އެކީގައި ތަމްރީން ހެދުނީ ދެ ދުވަހު ކަމަށާއި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. ޕިރްލޯ ބުނީ އޭނާއާއެކު ޔުވެންޓަސްއިން އުންމީދުތަކެއްވާ ކަމަށާއި އެނާގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ ވިދިވިދިގެން ދިހަވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުންކަމަށެވެ.

ކުރިން ޔުވެންޓަސްގައި ވެސް މޮޅު ކުޅުމެއް ދެއްކި ޕިރްލޯ ބުނީ އެނާ އަށް އެންމެ މުހިންމު ކަމަކީ ކުޅުންތެރިން މެޗުތަކުގައި ކުރާ މަސައްކަތްކަމަށެވެ. އިޓަލީއާއެކު ވަރލްޑް ކަޕު ކާމިޔާބު ކުރި ޕިރްލޯ ބުނީ ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި ކޮންމެ މީހަކު ހުއްޓަސް ކުލަބު އަބަދުވެސް މޮޅުވާންޖެހޭނެ ކަމަށެވެ. ކުޅުންތެރިޔަކަށް މެޗުން މޮޅުވާން މުހިންމުވާ ފަދައިން ކޯޗަކަށް ވެސް މުހިންމުވާނީ މޮޅުވުން ކަމަށް އަލަށް ސީނިއަރ ޓީމެއްގެ ކޯޗުކަމާ ހަވާލުވި ޕިރްލޯ ބުންޏެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ސަމްޕްޑޯރިއާއާ ވާދަކުރުމުގެ ކުރިން ކުޅުނު ތަމްރީން މެޗުން ޔުވެންޓަސް މޮޅުވީ ނޯވަރާ ވާދަކޮށް 5-0 ގެ ނަތީޖާ އަކުންނެވެ.