ޚަބަރު

ބެލަރޫސްގައި ކުރާ މުޒާހަރާތައް ހޫނުވެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފި


ބެލަރޫސްގައި ކުރާ މުޒާހަރާތައް ހޫނުވެ ގިނަ އަދަދެއްގެ ޢާންމުން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގައި ބެލަރޫސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ރައީސް އެލެކްސެންޑްރަ ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރޫސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ. ލުކަޝެންކާއާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅުގެ ގިނަ ޢަދަދެއްގެ ސީޔާސީ ލީޑަރުން މިހާރުވަނީ ޖަލަށްލައި ނުވަތަ ޤައުމު ދޫކޮށް ދިއުމަށް މަޖުބޫރުކޮށްފައެވެ.

ބެލަރޫސްގެ ވެރިރަށް މިންސްކުގައި ހުންނަ އިންޑެޕެންޑެންސް ސްކުއެއާއަށް އޮގަސްޓު މަހުގެ 13ވަނަ ދުވަހު ކުރި މުޒާހަރާތަކުގައި 10،000އަށްވުރެ ގިނަ މީހުންވަނީ އެއްވެފައެވެ. ޖަލަށްލާފައިވާ އިދިކޮޅު ސިޔާސީ ލީޑަރު ދޫކޮށްލުމަށް ގޮވާލައި 5،000އަށްވުރެ ގިނަ މީހުންވަނީ މިންސްކުގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ.

އިންޑެޕެންޑެންސް ސްކުއެއާގެ އިތުރުން މިންސުކުގެ އޮކްޔާބްރަށްކަޔާ ސްކުއެއާ މިހާރުވަނީ ކަށިދަލުން ބަންދުކޮށްފައެވެ. މުޒާހަރާތަކުގައި 114 މީހުން ހައްޔަރުކޮށްފައިވާކަމަށް ބެލަރޫސްގެ ދާޚިލީ ވަޒީރު ވިދާޅުވިއެވެ. ބައެއް ނޫސްތަކުންވަނީ މުޒާހަރާތައް ފެށުމުގެ ކުރިންވެސް ދިފާޢީ ބާރުތަކުން ޢާންމުން ހައްޔަރުކުރަން ފަށައިފައިވާކަމަށް ބުނެފައެވެ. އެގޮތަށް ހައްޔަރުކުރި ކުރުމުގައި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ދާޚިލީ ވުޒާރާގެ ފަރާތުން ވާހަކަދެއްކެވި ރަސްމީ ފަރާތަކުން ވިދާޅުވީ މުޒާހަރާތައް ރޫޅާލުމަށް ފުލުހުންގެ އެހީތެރިކަން ހޯދަންޖެހުނީ ޙުއްދަނެތި މުޒާހަރާކުރުން ހުއްޓުވުމަށްކަމަށެވެ.

ރަޝިޔާގެ ބޮޑުވަޒީރު ވްލަޑްމީރު ޕުޓީންވަނީ ބެލަރޫސްގެ ހަމަނުޖެހުންތައް އިތުރުވާނަމަ އެ ޤައުމުގެ އަސްކަރީ ބާރުތަކުގެ އެހީތެރިކަން ބެލަރޫސްއަށް ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ރައީސް ޕުޓިންއާއެކު ބާއްވަވާ މަޝްވަރާ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ލުކަޝެންކާ ރަޝިޔާއަށް ދަތުރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.