ޚަބަރު

ހުލުމާލޭ ދަނޑުވެރިކަމުގެ ޕްރޮގްރާމް އަންނަ އަހަރު ކުރީކޮޅު ފަށާނަން - އެޗްޑީސީ


ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ "އަރބަން ފަރމިންގ" ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑުވަރިކަމުގެ ޕްރޮގްރާމް، "އަރބަން ފަރމިންގ"އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ޔޫއެންޑީޕީއާއި ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިއީ ހުޅުމާލޭގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށާ ފުރަތަމަ ފަހަރެވެ. އެޗްޑީސީން ވިދާޅުވީ މިފަދަ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމީ، ހުޅުމާލޭގައި ދިރިއުޅޭ މީހުން ޢާއިލާ ކައިރީގައި ތިބެގެން އިތުރު އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މި ޕްރޮގްރާމްގެދަށުން 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު މިކަމުގެ ޢަމަލީ މަސައްކަތްތައް ސައިޓްގައި ކުރިއަށްދާކަމަށާ، ޕްލޮޓްތައް ލިބޭ މީހުންވެސް ވަރަށް އަވަހަށް ހޮވާނެކަމަށް ސުޙައިލް ވިދާޅުވިއެވެ.

"ޕްލޮޓްތަކުގެ ފެންސް ޖެހުމުގެ މަސައްކަތް ފަށައިފިން. އަންނަ މަހުގެ ޕްލޮޓްތައް ލިބޭ މީހުން ހޮވުމުގެ މަސައްކަތް ފަށާނެ. މި ބަލަނީ އަންނަ އަހަރުގެ ކުރީކޮޅު ދަނޑުވެރިކަން ކުރަން ފެށޭނެކަމަށް." ސުހައިލް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރުމަށް 600 ފޫޓުގެ 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށްޓަކައި ހުޅުމާލެއިން ޚާއްސަކޮށްފައިވާ ވަކި ސަރަޙައްދަކުންނެވެ. އެޗްޑީސީން ވިދާޅުވީ ޕްލޮޓްތައް ލިބޭ ފަރާތްތަކާ ޙަވާލުކުރާނީ، މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް އެ ސަރަޙައްދުގައި ހަމަޖެއްސުމަށް ފަހުކަމަށެވެ. އެގޮތުން އޭރިއާގައި ދަނޑުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރެވޭނެގޮތާއި، ގުދަނާއި، ގަސްކާނާ ވިއްކާ ތަނަކާއި، ފާޚަނައާއި، މަޑުކޮށްލައިގެން ތިބެވޭނެ ތަންތަންވެސް ހިމެނެއެވެ. އަދި ސީޑް އިންކިއުބޭޓަރ ޝެޑެއްވެސް ހުންނާނެއެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް 48 ފަރާތް ހޮވުމަށްވަނީ ހަމަޖެހިފައެވެ. ޕްލޮޓްތަކަށް ދިނުމުގައި %40 ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ނުކުޅެދުންތެރިކަން ހުނަ މީހުންނާއި ޒުވާނުންނަށް %30 ސްލޮޓްވަނީ ހިމަނާފައެވެ. ބާކީ %30 ސްލޮޓަށް މީހުން ހޮވާނީ ޢާއްމުކޮށް ހުޅުވާލައިގެންނެވެ.

ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ބައިވެރިންނާ ޙަވާލުކުރުމުގެ ކުރިން، ޕްރޮގްރާންގެ ބައިވެރިންނަށް އެޗްޑީސީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދަނޑުވެރިކަމާގުޅޭ ތަމްރީނު ދޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މި ޕްރޮޖެކްޓްގެ މަަޤްސަދުތަކުގެތެރޭގައި ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާވާމިންވަރު ކުޑަކޮށް ރާއްޖޭގައި މިފަދަ ވިޔަފާރިތަށް ފުޅާކުރުން ހިމެނެއެވެ.