ދުނިޔޭގެ ވިޔަފާރި

ވޫހާން ސިޓީގެ އެތެރޭގެ އުދުހުންތައް އިތުރުވެއްޖެ


ދުނިޔެއިން ކޯވިޑް19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ އެތެރޭގެ އުދުހުންތައް ކޯވިޑްގެ ކުރިން ހުރި މިންވަރަށް އަނެއްކާވެސް ގޮސްފައިވާކަމަށް ވޫހާންގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ވުހާން އިންޓަނޭޝަނަލް އެއަރޕޯޓުގެ އޮފިޝަލުން މަޢުލޫމާތުދޭ ގޮތުގައި ފަސިންޖަރުންގެ އަދަދާއި ފްލައިޓްތަކުގެ އަދަދު މިދިޔަ ހުކުރުދުވަހު ވަނީ ކޯވިޑްގެ ކުރިން ހުރި އަދަދަށް އިތުރުވެފައެވެ. އެގޮތުން ހުކުރުދުވަހު 500 ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓްކުރިއިރު، 64 ހާހަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށް އެއަރޕޯޓުގެ އޮފިޝަލުން ބުނެއެވެ. މިއީ މިދިޔަ އޭޕްރީލްމަހު ވޫހާންގެ އެތެރޭގެ އުދުހުންތައް އަލުން ފެށި ފަހުން ފްލައިޓްތަކާއި ފަސިންޖަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ޑޮމެސްޓިކް ދަތުރުތައް ފަށާފައިވާއިރު، ވަރަށް އަވަހަށް ވޫހާއިން ބައިނަލްއަޤްވާމީ ދަތުރުތައްވެސް ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ފުރަތަމަ ދަތުރުތައް ފަށާނީ ކޮރެޔާގެ ސޯލް، ސިންގަޕޫރު، މެލޭޝިޔާގެ ކުއަލަލަންޕޫރު އަދި އިންޑޮނޭޝިޔާގެ ޖަކާޓާއަށްކަމަށް ވޫހާންގެ ކަމާބެހޭ އޮފިޝަލުން މަޢުލޫމާތުދެއެވެ.

ކޯވިޑް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ އިޤްތިޞާދީ ހަރަކާތްތައް މަޑުމަޑުން ފަށައިގެން ކުރިއަށްދާއިރު، ކޯވިޑްއާ ގުޅިގެން އެ ސިޓީ ވަނީ 76 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އަދި ޗައިނާއިން ކޯވިޑް ގާތްގަނޑަކަށް ކޮންޓްރޯލްކޮށްފައިވާއިރު، އެޤައުމުގެ އެތެރެއިން ކޯވިޑްގެ ކޭސްއެއް ނުފެންނަތާ މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަނީ ވެފައެވެ.