ކުޅިވަރު

ޕިރްލޯގެ ނިންމުން ރަނގަޅު: ޒޯލާ


ޔުވެންޓަސްގެ ކޯޗަކަށް އަންނަން ނިންމި ނިންމުމަކީ ޕިރްލޯ ވަރަށް ރަނގަޅަށް ކުރިކަމެއްކަމަށް އިޓަލީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖިއަންފްރެންކޯ ޒޯލާ ބުނެފިއެވެ.

ޒޯލާ ބުނީ އައު ސީޒަނަށް ޔުވެންޓަސްގެ ކޯޗަކަށް ހަމަޖެއްސި އަންދްރޭ ޕިރްލޯއަކީ ކާމިޔާބު ހޯދުމުގެ ގާބިލްކަން ލިބިފައިވާ ކޯޗެއްކަމަށެވެ. ކުރިން ނަޕޯލީ، ޕާމާ އަދި ކަލިއޭރީއަށް ވެސް ކުޅުނު ޒޯލާ ބުނީ އެނާގެ ކޯޗިން ކެރިއަރުގައި އިނގިރޭސި ކުލަބު ވެސްޓްހަމްއާ ހަވާލުވީ އެއްވެސް ތަޖުރިބާއެއް ނެތިކަމަށާއި އެކުލަބާއެކު ހޭދަކުރި ދުވަސްތަކުގައި ވަރަށްގިނަ އެއްޗެހި ދަސްވިކަމަށެވެ.

ޒޯލާ ބުނީ ތަޖުރިބާ މަދުވިޔަސް ޕިރްލޯ ނަތީޖާ ނެރޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ޔުވެންޓަސްއިން ވަކިކުރި ކޯޗު މައުރީސިއޯ ސާރީއަށް އެކުލަބުގައި ދިމާވީ އުނދަގޫ ހާލަތެއްކަމަށާއި މެޗުތަކުން މޮޅުނުވާ ކަމުގައި ވަނީ ނަމަ ވަރުގަދަ ކުލަބުތަކުގައި ގޮންޖެހުން ބޮޑުވާނެކަމަށް ޗެލްސީގައި ސާރީގެ އެސިސްޓަންޓަކަށް ހުރި ޒޯލާ ބުންޏެވެ. އޭނާ ބުނީ ޕިރްލޯ ވެސް ކާމިޔާބު ބޭނުންވާކަމުގައި ވަނީ ނަމަ އަވަހަށް ކުރިއެރުން ހޯދަންޖެހޭނެކަމަށެވެ.