ކުޅިވަރު

މިރޭ ޑިމާރިއާއާ ނޭމާ ފެނުމުގެ ފުރުސަތު ކުޑަ: ޓުޗެލް


ފްރެންޗް ލީގުގައި މިރޭ އޮލިމްޕިކް މާސޭއާ ދެކޮޅަށް ޕީއެސްޖީ ނުކުންނައިރު ކޯވިޑް-19 އަށް ޕޮޒިޓިވްވި ކުޅުންތެރިންގެ ތެރެއިން ނޭމާ އާއި ޑިމާރިއާ ބަލިން ރަނގަޅުވެ ޕްރެކްޓިސް ތަކުގައި ބައިވެރިވި ނަމަވެސް މެޗުގައި އެ ކުޅުންތެރިން ފެނުމުގެ ފުރުސަތު ކުޑަކަމަށް ޕީއެސްޖީ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް ބުނީ މެޗުގެ ކުރިން ބޭނުން ހިފެން ތިބި ކުޅުންތެރިން ޓީމުގައި ހިމެނޭތޯ މަސައްކަތްކުރާނެ ކަމަށާއި އެހެންނަމަވެސް އެނާ އެންމެ ފުރަތަމަ ވިސްނާނީ ކުޅުންތެރިންގެ ސިއްހަތަށް ކަމަށެވެ. ޓުޗެލް ބުނީ މިހާލަތުގައި ހެދޭނެ ހަމަ އެއްގޮތެއް ވެސް ނެތްކަމަށާއި، އެ ދެ ކުޅުންތެރިންނަށް ކުޅެވުނަސް ކުޅެވޭނީ ވަރަށް މަދު ވަގުތުކޮޅަކަމަށެވެ.

ޑިމާރިއާއާ ނޭމާ ވެސް ޓީމާއެކު ޕްރެކްޓިސް ނުކުރާތާ ދެ ހަފްތާ ވެދާނެކަމަށާއި އެއްވެސް ތަމްރީނެއް ނެތި މެޗުގައި އެކުޅުންތެރިން ބޭނުންކުރުން ދުރު ކަމަށް ޓުޗެލް ބުންޏެވެ. އޭނާ ބުނީ ގޮތް ނިންމާނީ ކުޅުންތެރިންނާއި ޓީމުގެ ޑޮކްޓަރުންނާ ވާހަކަ ދެއްކުމަށް ފަހު ކަމަށާއި އެއްވެސް ރިސްކެއް ނަގަން އޭނާ ބޭނުން ނުވާކަމަށެވެ.

މި ދެޓީމު އެންމެ ފަހުން ލީގުގައި ވާދަކުރި މެޗު 4-0 އިން ކާމިޔާބުކުރީ ޕީއެސްޖީއެވެ.