ކުޅިވަރު

ޕީއެސްޖީ އޮތީ ވަރަށް ހާލުގައި، ފައިދާ ނެގޭނެ: ވިލަސް ބޮއާސް


މިރޭ ފްރެންޗް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ ހާލުގައި ޖެހިފައިކަން އެނގޭކަމަށާއި އެކަމުގެ ފައިދާ ނެގޭނެކަމަށް ފްރާންސްގެ އޮލިމްޕިކް މާސޭގެ ކޯޗު އަންދްރޭ ވިލަސް ބޮއާސް ބުނެފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ޕީއެސްޖީގެ ހަތް ކުޅުންތެރިޔަކަށް ވަނީ ލީގުގެ ފުރަތަމަ މެޗުގައި ކުޅެވޭ ގޮތްނުވެފައެވެ. މުހިންމު ހަތް ކުޅުންތެރިން ނުލާ ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ ބަލިވެފައިވަނީ ފްރާންސް ލީގަށް އަލަށް ޕްރޮމޯޓްވި ލެންސް އަތުންނެވެ. މެޗުގެ ކުރިން ވާހަދައްކަމުން ވިލަސް ބޮއާސް ބުނީ ޕީއެސްޖީ ހުރި ބަލިފައިތައް ދެނެގަނެވިފައިވާ ކަމަށެވެ. ޕީއެސްޖީއާ ވާދަކޮށް މޮޅުވުމަށް އަބަދުވެސް އޭނާ އުންމީދު ކުރާކަމަށް ބޮއާސް ބުންޏެވެ.

ކުރިން ޗެލްސީއަށް ވެސް ކޯޗުކޮށްދިން ބޮއާސް ބުނީ މިދިޔަ ސީޒަނުގައި ވެސް ޕީއެސްޖީއަށް އެންމެ ގާތުން ރަނގަޅު ފައިޓެއް ދިނީ އޭނާގެ ޓީމުން ކަމަށެވެ. މިވަގުތައް ބަލާއިރު ޕީއެސްޖީ އޮތީ މާސޭއަށް ބަލިކުރެވޭ ފަދަ ހާލަތެއްގައި ކަމަށާއި ޕީއެސްޖީ ބަލިކަށިވެފައިވާ މިދަނޑިވަޅުގައި ފައިދާ ނެގޭނެކަމަށް ބޮއާސް ބުންޏެވެ.

ބޮއާސް ބުނީ ޕީއެސްޖީގެ ބައެއް ކުޅުންތެރިން އެމެޗުގައި ކުޅުނު ކަމުގައި ވީނަމެވެސް އެކުޅުންތެރިން މުޅިން ފިޓް ނުވާނެކަމަށާއި ފުރަތަމަ މެޗުން ބަލިވެފައިވުމުން މިމެޗާ ކުރިމަތިލާއިރު ޕީއެސްޖީ އެޓީމުގެ ވަރުގަދަ ކުޅުން ދައްކަން މަސައްކަތް ކުރާނެކަމަށެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗު މާސޭ ވަނީ ކާމިޔާބުކޮށްފައެވެ.