ދުނިޔެ

އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާބެހޭ މަޝްވަރާތައް: ޤައުމުތަކުން ބުނީ ކީކޭ؟


އަފްޣާނިސްތާނުގެ ސަރުކާރާއި ހަނގުރާމަވެރި ޖަމާޢަތް ޠާލިބާނުންނާ ދެމެދު އެ ޤައުމުގައި ސުލްޙަ ޤާއިމްކުރުމާބެހޭ ތާރީޚީ މަޝްވަރާތައް އޮގަސްޓު މަހުގެ 12ވަނަ ދުވަހުވަނީ ފަށައިފައެވެ. އެއީ ފާއިތުވި 20 އަހަރު އަފްޣާނިސްތާނުގައި ހިންގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ދެ ފަރާތުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މަޝްވަރާތައް ފެށުމަށް ޤަތަރުގެ ދައުހާގައި ބޭއްވި ރަސްމިއްޔާތުގައި ގިނަ ޤައުމުތަކެއްގެ ޚާރިޖީ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި އެމެރިކާ، ޤަތަރު، ޕާކިސްތާނު ތުރުކީވިލާތް އަދި އިންޑިޔާގެ އިސް ފަރާތްތައް ހިމެނެއެވެ. އޭގެއިތުރުން އދ. ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ފަރާތުންވެސް މަންދޫބުންވަނީ ބައިވެރިވެފައެވެ.

ކޯވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ޤައުމުތަކުން މަޝްވަރާތަކުގައި ބައިވެރިވީ އިންޓަނެޓު މެދުވެރިކޮށެވެ.
މި މަޝްވަރާތަކުގައި މުހިންމު ނިންމުންތަކަކަށް ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދާއިމީ ގޮތަކަށް ޙަމަލާބަދަލުކުރުން ހުއްޓާލުމާއި އަންހެނުންގެ ހައްޤުތައް ހޯދައިދިނުމާއި ބައިމަދު މީހުންގެ ހައްޤުތައް ޔަޤީންކުރުމުގެ އިތުރުން ޠާލިބާނުންނާއި އެހެން ހަނގުރާމަވެރި ޖަމާޢަތްތަކަށް ވަފާތެރި ހަނގުރާމަވެރިންގެ ހަތިޔާރު އަތުލުމާގުޅޭ މަޝްވަރާތައް ހިމެނެއެވެ. އޭގެ އިތުރުން ދުސްތޫރީ ބަދަލުތަކާއި ދެ ފަރާތުން ގުޅިގެން ވެރިކަމަކާގުޅޭ ގޮތުން މަޝްވަރާކުރާނެކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނުގެ ސުލްޙައިގެ މަޝްވަރާތައް އެހާ މުހިންމުވަނީ ކީއްވެ؟

ހަނގުރާމަކުރާތާ ގިނަ އަހަރުތަކަކަށްފަހު އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ފަށައިފައިވަނީ 2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށްދިން ނިރުބަވެރި ޙަމަލާއަށް 19 އަހަރު ފުރުމުގެ އެއް ދުވަސް ފަހުންނެވެ.
އެ ޙާދިޘާއަށްފަހު އެމެރިކާގެ އަސްކަރިއްޔާއިންވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާން ފަށައިފައެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އެ ޤައުމުގައި ތިބި އެމެރިކާގެ ފައުޖުތައް ފޭބުމަށް ޠާލިބާނުންނާއި އެމެރިކާއިން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގެ ސަރުކާރާއެކު ޠާލިބާނުން މަޝްވަރާކުރުމަށްވަނީ ޝަރުތުކޮށްފައެވެ. ގިނަ ގޮންޖެހުންތަކަކަށްފަހު މި ތާރީޚީ މަޝްވަރާތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެހެން ޤައުމުތަކުންވަނީ ވާހަކަ ދައްކައިފައެވެ.

ޤަތަރު

ޤަތަރުގައި ބާއްވަމުންދާ މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤަތަރުގެ ޚާރިޖީ ވަޒީރު ޝައިޙް މުޙައްމަދު ބިންއަބްދުލް ރަޙްމާން އައްސާނީ ވަނީ މަޝްވަރާކުރުމުގައި ދެ ފަރާތުންވެސް ފުޅާ ވިސްނުމެއް ގެންގުޅުމަށް ބާރު އަޅުއްވައިފައެވެ. އޭނާ ވިދާޅުވީ ހަނގުރާމަކުރަމުންދާ ދެ ފަރާތުންވެސް ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ނިންމުންތަކެއް ނިންމަންވާނެކަމަށާއި ބައިބައިވުން އެއްފަރާތްކޮށް ޤައުމުގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރަންވާނެކަމަށެވެ.
ސުލްޙައިގެ އެއްބަސްވުން ބިނާވެފައި އޮންނަންވާނީ ވަކި ފަރާތަކަށް ކާމިޔާބުލިބުމާއި ވަކި ފަރާތަކުން ބަލި ޤަބޫލުކުރުމުގެ މައްޗަށް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާޒީން ފިލާވަޅު ލިބިގަނެ ކުރީގައި ކުރިމަތިވި އެންމެހާ ހިތްދަތިކަމަކުން އަރައިގަނެ ކުރިމަގަކަށް މަސައްކަތްކުރުން މުހިއްމުކަން އައްސާނީ ފާގަހަކުރެއްވިއެވެ.

އެމެރިކާ

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ މަޝްވަރާތައް ކުރަމުންދާއިރު ދެބަސްވުންތައްވެސް ހިންގާނެކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ ޒިންމާ އޮތީ އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާނުންގެ އަތްމަތީގައިކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްވަރާގެ ބައިވެރިންނާ މުހާތަބުކުރައްވާ ޕޮންޕެއޯ ވިދާޅުވީ ބައިބައިވުން ނައްތާލުމަށް ދެ ފަރާތަށްވެސް ފުރުޞަތު ލިބިފައިވާކަމަށާއި އެކަން ކާމިޔާބުކުރުމަށް ދެ ފަރާތުގެ ބޮލުގައިވެސް ބޮޑު ޒިންމާއެއް އެޅިފައިވާކަމަށެވެ. ކުރިއަށް އޮތް ހަފުތާތަކާއި މަސްތައް ފަސޭހަ ނުވާނެކަމަށް ހަނދުމަކޮށްދެއްވަމުން ޕޮންޕޮއޯ ވިދާޅުވީ މަޝްވަރާތައް ކުރަނީ ހަމައެކަނި މި ޖީލުގެ އަފްޣާނިސްތާނުގެ ރައްޔިތުންގެ ހައްޤުގައި ނޫންކަމަށާއި ކުރިއަށް އޮތް ޖީލުތަކާއި ދަރިންނާއި ކާފަ ދަރީންގެ މުސްތަޤުބަލު އުޖާލާކުރުމަށްކަމަށެވެ.

ޕާކިސްތާނު

މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި އިންޓަނެޓު މެދުވެރިކޮށް ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީވަނީ ސުލްޙައިގެ މަޝްވަރާތަކަށް ބޭރުގެ ޤައުމުތަކުން ނުފޫޒު ފޯރުވިޔަ ނުދިނުމަށް ގޮވާލައްވައިފައެވެ. އޭނާ ވިދާޅުވީ މަޝްވަރާތައް ކުރިއަށް ގެންދަނީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ކުރިމަގު ބައްޓަންކުރާނެގޮތަކާއި މެދުކަމަށާއި އަފްޣާނިސްތާނުގެ ކުރިމަގާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހެން ފަރާތެއްގެ ނުފޫޒު ފޯރުވައިގެން ނުވާނެކަމަށެވެ. އެފަދަ ރޭވުންތަކާއި ދެކޮޅަށް ހުށިޔާރުވެ ތިބުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ހަމަނުޖެހުމަށް އަސްކަރީ ޙައްލެއް ނެތްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަބަދުވެސް ވިދާޅުވަމުން ގެންދަވާކަން ޤުރައިޝީ ފާހަގަކުރެއްވިއެވެ. އަފްޣާނިސްތާނުގެ މައްސަލައަށް އޮތީ ހަމައެކަނި ސިޔާސީ ޙައްލެއް ކަމަށާއި ޕާކިސްތާނުގެ ވިސްނުމާ އެއްގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންވެސް މިހާރު ޤަބޫލުކުރާތީ އެކަމާ އުފާ ކުރައްވާކަމަށްވެސް ޤުރައިޝީ ވިދާޅުވިއެވެ.

ތުރުކީވިލާތް

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލު ވިދާޅުވީ މަޝްވަރާތަކަކީ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކުގެ ސަބަބުން އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އިންސާފުވެރި އަދި ދާއިމީ ޙައްލެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. މި ތާރީޚީ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ދެ ފަރާތުންވެސް ހިފާނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ސުލްޙަ ޤާއިމްކުރުމުގެ މަސައްކަތުގައި ތުރުކީވިލާތަށް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށާއި އިތުރު މަޝްވަރާތައް ބާއްވަން ޖެހިއްޖެނަމަ އެ ޤައުމުގައި މަޝްވަރާތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތައްޔާރަށް އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާ

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރުވަނީ ސުލްޙައިގެ މަޝްވަރާތަކަށް މަރުޙަބާ ކިޔުއްވާފައެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކުގައި ހުރިހާ ގޮތަކުންވެސް އިސްނަގަންވާނީ އަފްޣާނިސްތާނުންކަމަށެވެ. މަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ޤައުމީ އިސްތިޤުލާލަށް އިޚުތިރާމުކުރަންވާނެކަމަށާއި އިންސާނީ ހައްޤުތަކާއި ދިމުކްރާތީ ހަމަތަކާއި އަންހެނުންނާއި ނާޒުކު ބައި މަދު މީސްތަކުންގެ ހައްޤުތަކަށް މަސައްކަތްކުރަންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސުބްރަމާނިޔަމް ވަނީ އިންޑިޔާއާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ތާރީޚީ ރަހުމަތްތެރިކަމުގެ ހެއްކެއްކަމަށް ވިދާޅުވެފައެވެ. އިންޑިޔާއިން ކުރިއަށް ގެންގޮސްފައިވާ 400އަށް ވުރެ ގިނަ ތަރައްޤީގެ މަޝްރޫޢުގެ ފައިދާ އަފްޣާނިސްތާނުގެ ހުރިހާ ސަރަޙާއްދަކަށް ފޯރާފައިވާކަމަށާއި ދެ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.