ޚަބަރު

ކޯވިޑް-19 : ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. ފަތިހު 3.55 ނިޔާވީ މިމީހާއަކީ ޢުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 32ވަނަ މީހާއެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 25 ދިވެއްސަކާއި 7 ބިދޭސީންނެވެެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 9ވަނަ ދުވަހުއެވެ. މީނާއަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކެވެ. މީގެ އިތުރުން މިމަހުގެ ނުވަވަނަ ދުވަހު ހއ.ކެލާގައި ހޯމްކަރަންޓީންގައި ހުއްޓައި ހާލުދެރަވެގެން ކުޅުދުއްފުއްޓަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވި މީހާ، ނިޔާވީ ކޯވިޑް-19ގެ ސަބަބުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވަނީ ހާމަކޮށްފައެވެ. މިމީހާއަކީ އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް، ފަހު، ރާއްޖެއައިސް ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުފަހުން މިވީ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 9052 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1960 އަށް އަރާފައިވާއިރު، 908 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.