ޚަބަރު

އައު އުސޫލާއި އެކު އެއްވެސް ޕްރިންސްޕަލެއްގެ ހައްޤެއް ނުގެއްލޭނެ: އެޑިއުކޭޝަން


ސްކޫލްތަކުގައި ޕްރިންސިޕަލުން ވަޒީފާ އަދާކުރާ މުއްދަތު ކަނޑައަޅައި އާއްމު ކުރި އުސޫލާއިއެކު އެއްވެސް ޕްރިންސްޕަލެއްގެ ޙައްޤުގެއްލިގެން ނުދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރުކަމަށް ހަމަޖައްސާ ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލެއް މިހާރު ވަނީ އެކުލަވާލާފައެވެ

މި އުސޫލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމަުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިޙްސާން ވިދާޅުވީ އެއްވެސް ޕްރިންސްޕަލެއްގެ ނުރުހުމުގައި ވަޒީފާ ބަދަލު ކުރުމުގެ އެއްވެސް ކަމެއް ނުކުރާނެކަމަށާއި، މި އުސޫލްގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އުސޫލާއި ގުޅިގެން އެކުލަވާލަން ޖެހޭ ހުރިހާ ޤަވައިދުތައްވެސް އެކުލަވާލާނީ މިހާރު ތިބި ޕްރިންސްޕަލުންނާއި އަލަށް ގުޅޭ ޕްރިންސްޕަލުންގެ އެއްވެސް ޙައްޤަކަށް ބަދަލު ނާންނާނެކަމަށް އިޙްސާން ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި މި އުޞޫލާ ގުޅިގެން އެކުލަވާލާ ޤަވާއިދުތައް ހަދާއިރުވެސް ޕްރިންސްޕަލުންގެ ކަނބޮޑުވުންތައް އަޑުއަހައި އެކަންތައް ހައްލުކުރުމަށްވެސް މަސައްކަތް ކުރާނެކަމަށް އިޙްސާން ވިދާޅުވިއެވެ.

"މި އުޞޫލާ އެކު ޤަވައިދުތަކެއްވެސް އެކުލެވިގެންދާނެ. ޓައިމްލައިނެއްވެސް އެކުލަވާލަން އެބަޖެހޭ. މިހާރު ތިބި ޕްރިންސިޕަލުންނާއި އަލަށް ސްކޫލްތަކަށް އައްޔަންކުރާ ޕްރިންސްޕަލުންގެ އެވެސް ހައްޤަކަށް އުނިކަމެއް ނާންނާނެ." ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިޙުސާން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަޞީރު ވިދާޅުވީ، މި އުޞޫލާއެކު ޕްރިންސިޕަލު އެއް ސްކޫލެއްގައި ހުންނާނީ ހަތަރު އަހަރުގެ ދެ ޓާމުގެ ގޮތުގައި ކަމަށެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެންކަމަށް އާޠިޔާ ވިދާޅުވިއެވެ. އާޠިޔާ ވިދާޅުވީ ފުރަތަމަ ހަތަރު އަހަރު ހަމަވުމުން އެހުރި ސްކޫލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އަށް އަހަރު ވުމުން އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވާން ޖެހޭނެ ކަމަށެވެ.

"ޓެނުއަރ ފެށިގެން އަންނައިރު ޕްރިންސްޕަލް ބޭނުންވާގޮތަށް މި ފަށަނީ. 4 އަހަރުގެ ދެ ޓާމް ނިމުމަށްފަހު އެންހެން ސްކޫލްއަށް ބަދަލުވުމުގެ ފުރުޞަތު އެބައޮތް." ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަޞީރު ވިދާޅުވިއެވެ.

ޕްރިންސްޕަލުން ސްކޫލްތަކުގައި ވަޒީފާ އަދާކުރާނެ މުއްދަތު ކަނޑައެޅުމުގެ ސަބަބުން ލިބިފައިވާ ތަޖުރިބާ އާއި އިލްމު އެހެން މާހައުލެއްގައި ބޭނުންކުރުމުގެ ފުރުސަތު ޕްރިންސިޕަލަށް ލިބިގެންދާނެކަމަށް އެ ޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އޭގެއިތުރުން މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އައު ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ޕްރިންސިޕަލުންނަށް ލިބިގެންދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.