ޚަބަރު

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ޚިލާފަށް މާލޭގައި މިއަދު ސައިކަލުބުރެއް ބޭއްވުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން 41 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިއަދު ހަވީރު މާލޭގެ ރަސްފަނުން ފެށުމަށް މަސައްކަތްކުރި މިސައިލަކް ބުރު ފުލުހުންވަނީ ނިކުމެ ހުއްޓުވާފައެވެ.

މި ސައިލަކްލ ބުރު ހުއްޓުވުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީވަނީ އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގަިއވަނީ ފުލުހުން މި ހަރަކާތް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގިނަބަޔަކު ގެންދިޔަކަކީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާކަމެއްކަމަށެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ މާލެއާއި ބައެއް ރަށްރަށުގައި އިހްތިޖާޖްކޮށްފައެވެ. މިމައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ 150،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ދެޕާޓީގެ ބައެއް އިސްބޭފުޅުންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގަވާފައެވެ.