ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އިތުރުނުވުން – ސިއްރަކީ ކޮބާ؟


1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާއަކީ ކޯވިޑް-19ގެ ސަބަބުން ޙަލާތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ޤައުމެވެ. އިންޑިޔާ އޮތީ ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. އަދި ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގައި މިހާތަނަށް 4،566،726 މީހުންނަށް ކޯވިޑް-19 ޖެހި، 76،336 މީހުންވަނީ މަރުވެފައެވެ. އަދިވެސް ބަލިފެތުރުން ދަށަށްދާން ފަށައިފައިވާކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

ނަމަވެސް ކޯވިޑް-19 ޖެހިގެން އިންޑިޔާގައި މަރުވާ މީހުންގެ ނިސްބަތަކީ އެހެން ބަލި ބޮޑަށް ފެތުރިފައިވާ އެހެން ޤައުމުތަކާ އަޅާބަލާއިރު އާދަޔާ ޚިލާފަށް ދަށް ޢަދަދުތަކެކެވެ. މަރުވާ މީހުންގެ ނިސްބަތް ހިސާބުކުރަނީ ބަލިޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން މަރުވާ މީހުންގެ ޢަދަދުންނެވެ. ބަލިޖެހޭ މީހުންގެ ޢަދަދު މަތީގައި އުޅޭ އެހެން ޤައުމުތަކުގައި އެ ނިސްބަތް އާންމު ގޮތެއްގައި ހުންނަނީ ވަރަށް މަތިކޮށެވެ. އިންޑިޔާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް މިހާރު ހުރީ 1.7 އިންސައްތައިގައެވެ. އެންމެ ހަލުވިކޮށް ބަލިފެތުރޭ އެމެރިކާގައި އެ ނިސްބަތްހުރީ 3 އިންސައްތައިގައެވެ. އިނގިރޭސިވިލާތުގެ މަރުވާ މީހުންގެ ނިސްބަތް 11.7 އިންސައްތައިގައިހުރިއިރު އެ ނިސްބަތް އިޓަލީވިލާތުގައި ހުރީ 12.6 އިންސައްތައިގައެވެ.

އިންޑިޔާގެ ސަރުކާރުން ބުނާ ގޮތުގައި މަރުވާ މީހުންގެ ނިސްބަތް ދަށްކޮށް ހުރުމަކީ ކޯވިޑް-19އާ ދެކޮޅަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބުކަމުގެ ހެއްކެއްކަމަށެވެ. އެ ޢަދަދުތަކުގެ މައްޗަށް ބިނާކޮށް ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވެސް އެ ޤައުމުންވަނީ ނިންމާފައެވެ. މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ޤައުމުގައި ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު އެއްދުވަހަށްވުރެ އަނެއް ދުވަހަށް ދަށަށްދާކަމަށެވެ. މަރުވާ މީހުންގެ ނިސްބަތް 1 އިންސައްތައަށްވުރެ ދަށްކުރުމުގައި ވަރަށް އަވަހަށް ކާމިޔާބުވާނެކަމަށް ޤަބޫލުކުރައްވާކަމަށް މޯދީ ވިދާޅުވިއެވެ. ނަމަވެސް އިންޑިޔާގެ ބައެއް ސައިންސުވެރިންވަނީ އެ ނަންބަރުތަކުން ޤައުމުގެ ހަޤީޤީ ޙާލަތު ދައްކުވައި ނުދޭކަމަށް ބުނެފައެވެ. އެ ޢަދަދުތަކުގެ މައްޗަށް ބަރޯސާވެ ޤައުމު އަލުން ހުޅުވަން ފަށައިފިނަމަ ޤައުމުގެ ޙާލަތު އިތުރަށް ގޯސްވާނެކަމުގެ އިންޒާރު ސައިންސުވެރިންވަނީ ދީފައެވެ.

އިންޑިޔާގެ އަސްލު ޙާލަތަކީ ކޮބާ؟

މާރިޗު މަހުން ފެށިގެން އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވަމުން ދިޔަ ނަމަވެސް ޤައުމުގެ ޙާލަތު ބޮޑަށް ގޯސްވާން ފަށައިފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. ބަލިފެތުރެން ފެށިތާ 6 މަސް ދުވަހުގެ ތެރޭގައި، ޖުލައި މަހުގެ 17ވަނަ ދުވަހާހަމައަށް އެއް މިލިއަން މީހުންނަށް އެ ޤައުމުގައިވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ޢަދަދު ދެ މިލިއަނަށް އިތުރުވުމަށް ނެގީ އެންމެ ތިން ހަފުތާއެވެ. އެއަށްފަހު ތިން މިލިއަނަށް އިތުރުވުމަށް 16 ދުވަސް ނަގައި، އެ ޢަދަދު ހަތަރު މިލިއަނަށްވުރެ އިތުރުވާން ނެގީ އެންމެ 12 ދުވަހެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާރިޗު މަހުގެ ތެރޭގައި އިންޑިޔާވަނީ އެއްކޮށް ފުރަބަންދުކޮށްފައެވެ. ޢާންމުން ގޭގައި މަޑުކުރުމަށް މަޖުބޫރުވުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ލިބުނެވެ. އެތައް މިލިއަން މީހުންނަށް އާމްދަނީ ހޯދުމަށް އޮތް މަގުތައް ބަންދުވެ، ފަޤީރުންގެ ޙާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ބަލިފެތުރޭ މިންވަރު އިތުރުވަމުންދިޔަ ނަމަވެސް ފިޔަވަޅުތަކަށް ލުއި ދިނުމަށް އިންޑިޔާގެ ސަރުކާރަށް މަޖުބޫރުވިއެވެ.

މަރުވާ މީހުންގެ ޢަދަދުތަކަކީ ސައްޙަ ޢަދަދުތަކެއްތަ؟

އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ނަމަވެސް މަރުވާ މީހުންގެ ނިސްބަތްދަނީ ދަށަށެވެ. އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިންބުނީ އޭޕްރިލް މަހުގައި 4 އިންސައްތައިގައި ހުރި ނިސްބަތް މިހާރު ހުރީ 2 އިންސައްތައަށްވުރެ ދަށުގައިކަމަށެވެ. ނަމަވެސް ބައެއް މާހިރުން ބުނަނީ މިއީ ރަނގަޅު ޢަދަދުތަކެއްގެ މައްޗަށް ބިނާކޮށް ޖަހާފައިވާ ހިސާބުތަކެއް ނޫންކަމަށެވެ.

ބަލިމަޑުކަމެއް ނެތް އިރުވެސް އިންޑިޔާގައި ދަފްތަރުކުރެވެނީ މަރުވާ މީހުންގެ 86 އިންސައްތައެވެ. ދަފްތަރުކުރެވޭ މަރުތަކުގެ ތެރެއިން މަރުގެ ސަބަބުން ބަޔާންކޮށްފައިވާ އޮންނަނީ އެންމެ 22 އިންސައްތަ މަރުގައެވެ. އެގޮތަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ގިނަ މީހުން ގޭގައި މަރުވުން ހިމެނެއެވެ. މަރުގެ ސަބަބު ބަޔާންކުރާނީ ހަސްފަތާލަށް ގެންދާ މީހުންގެއެވެ. ހަސްފަތާލުގައި މަރުވާ ކޮންމެ މީހެއްގެ މަޢުލޫމާތުވެސް ސަރުކާރުގެ ތަފާސްހިސާބު ބަލަހައްޓާ ވިއުގަ ތެރޭގައި ނުހިމަނާނެއެވެ. ހުރިހާ ހަސްފަތާލަކީ އެ ވިއުގައިގެ ތެރޭގައި ހިމެނޭ ހަސްފަތާލުތަކަށް ނުވުމުން އެ މަޢުލޫމާތު ޤައުމީ ދަފްތަރާހަމައަށް ނުފޯރައެވެ. އެ މައްސަލަ އިންޑިޔާގެ ރަށްފުށުގެ ހިސާބުތަކުގައި އަދި މާ ބޮޑެވެ. އެހެންކަމުން މިހާރު މަރުވަމުންދާ މީހުންގެ ތެރެއިންވެސް ގިނަ ޢަދަދެއްގެ މަރު ދަފްތަރުނުވާކަމަށާއި އޭގެ ތެރެއިން ގިނަ މަރުތަކުގެ ސަބަބު ބަޔާންކޮށްފައިނުވާތީ އެފަދަ މަރުތަކުގެ ތެރޭގައި ހިމެނޭ ކޯވިޑް-19ގެ މަރުތައް ރަސްމީ ޢަދަދުތަކުގައި ނުހިމެނޭނެއެވެ.

އޭގެ އިތުރުން ތަހުލީލުކުރެވޭ މިންވަރު ދަށްވުމުގެ ސަބަބުންނާއި ޞިއްޙީ ނިޒާމުގައި ހުންނަ މައްސަލަތަކުގެ ސަބަބުންވެސް ކޯވިޑް-19 ޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު ނުގުނާ ދޫވުން އެކަށީގެންވެއެވެ. ކޯވިޑް-19 ޖެހިފައިވާނަމަވެސް ތަހުލީލުނުކުރަނިސް މަރުވާ މީހުންގެ މަރަކީ ކޯވިޑް-19ގެ މަރެއްގެ ގޮތުގައި ނުބަލައެވެ. އެހެންކަމުން އިންޑިޔާގައި މީހުން މަރުވާ ނިސްބަތް އެހެން ޤައުމުތަކަށްވުރެ ދަށޭ ބުނާހާ ޔަޤީންކަމެއް ނެތެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިޔާގައި ބައްޔަށް ތަހުލީލުކުރާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ނަމަވެސް ޤައުމުގެ އާބާދީއާ އަޅާބަލާއިރު އިންޑިޔާގައި ތަހުލީލުކުރާ މިންވަރަކީ ދުނިޔޭގެ އެންމެ ދަށް އަދަދުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ޢަދަދުތަކެކެވެ. އެމެރިކާގައި ކޮންމެ 100،000 މީހެއްގެ ތެރެއިން 150 މީހުން ދުވާލަކު ތަހުލީލުކުރާއިރު އިންޑިޔާގައި ތަހުލީލުކުރެވެނީ އާބާދީގެ ކޮންމެ 100،000 މީހުންގެ ތެރެއިން އެކަކެވެ.

ތަހުލީލުކުރުން އިތުރުވެފައިވާތީވެސް މަރުވާ މީހުންގެ ނިސްބަތް ދަށްކޮށް ހުރުންވެސް އެކަށީގެންވެއެވެ. މަރުވާ މީހުންގެ ޢަދަދު އެއްވަރެއްގައި ހުރި ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު ދެނެގަނެވޭ މިންވަރު އިތުރުވާވަރަކަށް މަރުވާ މީހުންގެ ނިސްބަތް ދާނީ ދަށަށެވެ. މަރުވާ މީހުންގެ ނިސްބަތް ދަށްވިޔަސް އޭގެ މާނައަކީ މަރުވާ މީހުންގެ ޢަދަދު ދަށްވުމެއް ނޫނެވެ. މީގެ ކުރިން ދުވާލަކު 750 މީހުން މަރުވަމުންދިޔަ ނަމަވެސް އެ ޢަދަދު މި ހަފުތާގައި ހުރީ 1،000އަށްވުރެ މަތީގައެވެ.

ބައެއް މާހިރުން ބުނާ ގޮތުގައި 4.4 މިލިއަން މީހުންނަށް ބަލިޖެހިފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދެއްކިނަމަވެސް ހަޤީޤީ ޢަދަދު 100 މިލިއަނަށްވުރެ އިތުރުވުން އެކަށީގެންވާކަމަށެވެ. އެހެންވީމާ ކޯވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު އެތައް ގުނައެއް އިތުރުވުމަކީ ވުން ގާތްކަމެކެވެ.