ވިޔަފާރި

ނޮޓިލަސް މޯލްޑިވްސް ރިސޯޓުގައި ހުރެގެން އޮފީސް މަސައްކަތްކުރުމުގެ ފުރުޞަތު ފަތުރުވެރިންނަށް


ދަ ނޮޓިލަސް މޯލްޑިވްސް ރިޒޯޓުން ފަތުރުވެރިންނަށް ރިމޯޓް ވޯކް ސްޓޭޝަން ހިމެނޭ ފަތުރުވެރިކަމުގެ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

ބ އަތޮޅުގައި ހުންނަ ނޯޓިލަސް މޯލްޑިވްސްއިން ތަޢާރަފްކޮށްފައިވާ މިޕެކޭޖުގެ ދަށުން ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ފެންނަން ހުންނާނެހެން މަސައްކަތްކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެން ދާނެއެވެ. މިގޮތުން މިޕެކޭޖުގައި ހިމެނޭނީ ނޯޓިލަސް ރިޒޯޓުގެ 26 ބީޗް ރޫމް އަދި އޯޝަން ހައުސް އެވެ.

ނޯޓިލަަސްއިން ތައްޔާރުކޮށްފައިވާ "ރިމޯޓް ވޯކް ސްޓޭޝަން" ޕެކޭޖުގެ ދަށުން ރޫމްތަކާއި އޯޝަން ހައުސްތަކުގައި މަސައްކަތްކުރާ ކޮމްޕިއުޓަރާއި މޭޒު ބެހެއްޓިފައިވާނީ ރާއްޖޭގެ ހިތްގައިމު ކަނޑާއި، ގޮޑުދޮށް ފެންނަ ގޮތަށެވެ. ނޯޓިލަސްއިން ބުނީ މިޕެކޭޖު ނަގާ ފަތުރުވެރިން އެދިއްޖެނަމަ ރިޒޯޓުގެ ކޮންމެ ތަނެއްގައިވެސް ވޯކް ސްޓޭޝަން ޤާއިމްކޮށްދޭނެކަމަށެވެ. މިގޮތުން ސޭންޑް ބޭންކެއްގައިވެސް މަސައްކަތް ކުރުމަށް ވޯކް ސްޓޭޝަން ޤާއިމްކުރެވޭނެކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.

ރިމޯޓް ވޯކް ސްޓޭޝަންގެ އިތުރުން ފަތުރުވެރިން ބޭނުންވާ އެހެން ހުރިހާ ހިދުމަތެއްވެސް މިޕެކޭޖުގެ ދަށުން ލިބޭނެއެވެ. މިގޮތުން ކެއުމާއި، ސްޕާ އަދި ރިސޯޓުގެ އެހެން ހިދުމަތްތައްވެސް މީގެ ތެރެއިން ލިބޭނެއެވެ. އަދި ޔޯގާ، ފިޓްނަސް، މެޑިޓޭޝަން ސެޝަންތަކާއި، ލަގްޒަރީ ޔޮޓެއްގައި ޑޮލްފިން ކްރޫޒްވެސް މިޕެކޭޖު ނަގާ ފަރާތްތަކަށް ލިބޭނެއެވެ.

މިހިދުމަތް ތައަރަފްކުރީ ގެއިން ނުވަތަ އޮފީހުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ތަފާތު ހިތްގައިމު މާހައުލެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާދިނުމަށްކަމަށް އެރިޒޯޓުން ބުނިއެވެ.

މިހިދުމަތް ލިބޭ ރޫމް އަދި އޯޝަން ހައުސްތައް ގިނަވެގެން 21 ދުވަހަށް ބުކްކުރެވޭނެއެވެ. 7 ރެއަށް މިރޫމްތައް އަދި އޯޝަން ހައުސްތައް ހިފުމަށް 23،250 ޑޮލަރު ހޭދަވާނެއެވެ. 2 ހަފްތާއަށް ހިފުމަށް 37،850 އާއި 52،000 ޑޮލަރާއި ދެމެދުގެ އަގެއް ދޭންޖެހެއެވެ. މިޕެކޭޖު ނަގާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފަތުރުވެރިން ރާއްޖެ އަންނަ ހިސާބުން ފެށިގެން ރިސޯޓުގެ ސްޓާފުން ފަތުރުވެރިންގެ ހުރިހާ ކަމެއް ބަަލަހައްޓާނެއެވެ.

ކޯވިޑް-19 ގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު ނޯޓިލަސް ރިޒޯޓް ހުޅުވާފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.