ޚަބަރު

މާދަމާ މެންދުރު 3ން 6ށް އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވޭނެ


މާދަމާ މެންދުރުފަހު 3ން އިރުއޮއްސި 6ކާއި ދެމެދުގެ ވަގުތަކީ މާލޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާ ވަގުތެއްގެގޮތުގައި ހަމަޖައްސައިފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާލޭގައި ބައިސްކަލް ދުއްވުމުގެ ހަވީރެއް ބޭއްވުމުގެގޮތުން ހަވީރު 3ން އިރުއޮއްސި 6ކާއިދެމެދުގެ ވަގުތަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާ ވަގުތެއްގެގޮތުގައި ހަމަޖައްސާފައިވާކަމަށެވެ. މިވަގުތުގައި ދުއްވޭނީ ހަމައެކަނި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލާންސާއި، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް އަދި  ޚާއްސައެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ ސައިކަލާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ތެރެއިން ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަދޭ އުޅަނދުތަކަށް އެކަންޏެވެ. މީގެތެރެއިން ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް އަދި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކަށް އެހުއްދަ ދޫކުރާނީ ހައުސިންގ މިނިސްޓްރީންނެވެ. އަދި ހުއްދަ އެއުޅަނދުތަކުގައި ޢާއްމުކޮށް ފެންނަން ހުންނާނެހެން ހަރުކޮށްފައި ހުންނަންވާނެކަމަށްވެސް އެފަރާތުން ބުނެއެވެ. މާދަމާ ދުއްވުމުގެ ހުއްދަދެވޭ ފަރާތްތައް ފިޔަވައި އިންޖީނުލީ އުޅަނދުތައް ދުއްވާ ފަރާތްތަކާއިމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.މިބައިސްކަލް ހަވީރަކީ މިއަހަރުގެ ޓުއަރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ޓުއަރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ.