ތަޢުލީމު

އެޑިޔުކޭޝަން މިނިސްޓަރ ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅު


އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޝިހާމް، ހއ.އަތޮޅުގެ ސުކޫލުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅުގެ ފަސް ސުކޫލަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރ އިއްޔެ ޒިޔާތަރްކުރެއްވީ ބާރަށު ސްކޫލަށާއި، ހއ.ފިއްލަދޫގައި ހުންނަ މަދްރަސަތުލް ޞަބާހުއާއި ކެލާގައި ހުންނަ މަދްރަސަތުލް ޝައިޚް އިބްރާހިމާއި، އަދި ވަށަފަރު މަދަރުސާގެ އިތުރުން ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާއަށެވެ.

ހަތަރު ދުވަހުގެ މުއްދަތަށް އެޑިޔުކޭޝަން މިނިސްޓަރ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ސުކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސުކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމިޓީއާއި، ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުންތަކުގައި މިނިސްޓަރ އައިޝަތު ޝިހާމް ވަނީ ސްކޫލްތަކުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތުދީފައެވެ. މީގެ އިތުރުން ދަރިވަރުން ހުނަރުވެރި ކުރުވައި މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ. 

އަދި ކިޔަވައިދިނުމުގައި ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ބައްދަލުވުންތަކުގެ ބައިވެރިންނާ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ “ދަސްވާރު” ޕްރޮގްރާމާއި، މިދިޔަ އަހަރު އަލަށް ފާށާފައިވާ “ބީޓެކް” ޕްރޮގްރާމާއި އަދި ޓިވެޓް އޮތޯރިޓީން ހިންގަވަމުންގެންދާ ކޯސްތަކާގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ.