ޚަބަރު

އިންޑިޔާ-ޗައިނާ ސަރަޙައްދީ ރޮނގު ކައިރިން ފައުޖުތައް ފަހަތަށް ޖެއްސުމަށް އެއްބަސްވެއްޖެ


އިންޑިޔާއާއި ޗައިނާއާ ގުޅޭ ސަރަޙާއްދީ ރޮނގު ކައިރީގައިތިބި ދެ ޤައުމުގެ އަސްކަރީ ފައުޖުތައް އެ ސަރަޙައްދުން ފަހަތަށް ޖެއްސުމަށް އެއްބަސްވެފައިވާކަމަށް ޗައިނާއާއި އިންޑިޔާއިން ބުނެފިއެވެ.

ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާތާ ގިނަ މަސްތަކެއްވަނީ ވެފައެވެ. އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ސިފައިންގެ ދެމެދުގައި ފަހަކަށް އައިސް ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އެގޮތުން، ގަލްވާން ވާދީ ކައިރީގައި މިދިޔަ ޖޫން މަހުގެ 20ވަނަ ދުވަހު ހިންގި ހަމަނުޖެހުމެއްގައި އިންޑިޔާ ސިފައިންގެ 20 މީހުންވަނީ މަރުވެފައެވެ. އެ ހަމަނުޖެހުމުގައި ޗައިނާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިންގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. އެ ކުރިމަތިލުމަށްފަހު ދެ ޤައުމުންވެސްވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
ނަމަވެސް އޭގެ ފަހުން އޮގަސްޓު މަހުގެ 29 އަދި 30ވަނަ ދުވަހު އެ ސަރަޙައްދުގައި އަނެއްކާވެސްވަނީ ހާދިޘާއެއް ހިނގާފައެވެ.

ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕީއެލްއޭއިން އިންޑިޔާގެ ސަރަޙައްދަށް ވަދެފައިވާކަމަށް އިންޑިޔާއިން ތުހުމަތުކުރިއެވެ. ނަމަވެސް ޗައިނާއިން އެ ތުހުމަތުތައް ދޮގުކުރިއެވެ. އޭގެ ފަހުން ދެ ޤައުމުގެ ދިފާޢީ ވަޒީރުން މަޝްވަރާކުރުމަށްފަހު މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށްވަނީ އެއްބަސްވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް ސަރަޙައްދީ ރޮނގުގައި ކުރިމަތިލުންތަކެއް އަނެއްކާވެސް ހިންގައި، އިންޒާރު ދިނުމުގެ ގޮތުން ދެ ފަރާތުންވެސް ވައިގެ ތެރެއަށް ބަޑިޖަހާފައިވާކަމަށް ދެ ޤައުމުންވަނީ ބުނެފައެވެ.

އޭގެ ފަހުން ޗައިނާގެ ޚާރިޖީ ވަޒީރު ވެންގް ޔީ އާއި އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުވަނީ ރަޝިޔާގައި މިހާރު ކުރިއަށްދާ ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމެއްގެ ޙަވާސާގައި ބައްދަލުކުރައްވާ، ސަރަޙައްދީ ރޮނގުގައި ހިންމުންދާ ހަމަނުޖެހުންތަކާމެދު މަޝްވަރާކުރައްވާފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު އެކުގައި ބަޔާނުގައި ބުނީ ސަރަޙާއްދީ ރޮނގުގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ ދެ ޤައުމަށްވެސް ފައިދާހުރި ކަމެއް ނޫންކަމަށް ދެ ވަޒީރުންވެސް އެއްބަސްވެވަޑައިގެންފައިވާކަމަށާއި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަންސްކަން ނައްތާލާ އެ ސަރަޙައްދުން ފައުޖުތައް ދުރަށް ޖެއްސުމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވާކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އިންޑިޔާއާއެކު ޚާރިޖީ އަދި އަސްކަރީ ޗެނަލްތައް މެދުވެރިކޮށް މަޝްވަރާތައް ކުރަމުންދާނެކަމަށެވެ. މައްސަލަ އުފެދިފައިވާ ސަރަޙައްދީ ރޮނގުގައި ޞުލްޙަ ޤާއިމްކުރުމަށް އެ ޤައުމުންވެސް އަހައްމިއްޔަތުދޭކަމަށް އެ ވުޒާރާއިން ބުންޏެވެ.