ތަޢުލީމު

ކުޅުދުއްފުށީ ކެމްޕަހުން ދަސްވެނިވި 52 ދަރިވަރަކަށް ސަނަދުދީފި


ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގައި ތައުލީމު ހާސިލްކުރި 52 ދަރިވަރަކަށް
ދަސްވެނިވިކަމުގެ ސަނަދު ދީފިއެވެ. ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުން މިއަހަރުގެ
ފުރަތަމަ ޓާރމްގައި ދަސްވެނިވި ދަރިވަރުންނަށާއި، އެންމެ މަތީ ފާސް ހޯދި
ދަރިވަރުންނަށް ސަނަދު ހަވާލުކުރުމުގެ ހަފްލާ އޮތީ ރޭ ކުޅުދުއްފުށީ އަފީފުއްދީން
ސްކޫލްގައެވެ. 

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިން ސަނަދު ހާސިލުކުރި ދާއިރާތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން، އެޑްވާންސް ޑިޕްލޮމާ، ޑިޕްލޮމާ، ބެޗެލަރޒް ޑިގްރީ ހިމެނެއެވެ. 31 ދަރިވަރުންނަކީ ބެޗްލަރޒް ޑިގްރީ ޙާޞިލްކުރި ދަރިވަރުންނެވެ. ދަސްވެނިންގެ ތެރެއިން ގްރޭޑް
ޕޮއިންޓް އެވަރޭޖް 3.0 ނުވަތަ އެއަށްވުރެ މަތި ހޯދައިގެން ކުޅުދުއްފުށީ ކެމްޕަހުގައި ހިންގި ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ ކޯހުން 1
ވަނަ ހޯދާފައިވަނީ ކުޅުދުއްފުށީ ސޯސަންވިލާ އަބްދުﷲ މުޙައްމަދެވެ. އަދި ޑިޕްލޮމާ
އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުން 1 ވަނަ ހޯދީ ކުޅުދުއްފުށީ އިނގުރުގެ،
އަޙްމަދު ސަޢީދެވެ. 

ބެޗްލަރ ޑިގްރީ ޙާޞިލްކުރި ދަރިވަރުންނަށާއި، ވަނަ ވަނައަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓާއި، އިނާމް ހަވާލުކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މިރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި ދަސްވެނިން ހާސިލްކުރި ސަނަދަކީ ޢިލްމުގެ ހަޒާނާއަށް ވަނުމަށް ހާސިލްކުރި ތަޅުދަނޑިކަމަށ ވިދާޅުވި. އެގޮތުން ޢިލްމުގެ ހަޒާނާއަކީ ނިމުމެއް ނެތް ހަޒާނާއެއް ކަމުގައި ސިފަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ހަގީގީ މަސައްކަތް އަދި ފެށުނީކަމަށާއި، ދެންއޮތީ އެމައިދާނުގައި ކުރިއަށްދިއުންކަމަށެވެ. އެހެންކަމުން ދަސްވެނިން ހާސިލްކުރެއްވި ސަނަދާމެދު ވިސްނުމަށް ދަސްވެނިންނަށް އިލްތމާާސްކުރެއްވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ
ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ލަތީފް ވިދާޅުވީ، އެންމެ ކާމިޔާބު
މީހުންނަކީ އެންމެ ފުރަތަމަ އެމީހަކު ހިތުލީ ކަމެއް ހާސިލްކުރިމީހަކަށް
ނުވެދާނެކަމަށެވެ. ނަމަވެސް ފަސްނުޖެހި އަޒުމާއިއެކު ހިތްވަރުކޮށްގެން
ކުރިއަށްދާނަމަ ކާމިޔާބުވާނެކަމަށް ވދާާޅުވެ، އެއަމާޒަށް ވާސިލްވުމަށް
މަސައްކަތްކުރުމަށް ޗާންސެލަރ އެދިވަޑައިގެންނެވިއެވެ.

ރޭ ސަނަދު ހާސިލްކުރީ، ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ދިވެހި ބަހާއި ޘަޤާފަތުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ޢަރަބި ބަހާއި އިސްލާމީ ތަޢުލީމުގެ ދާއިރާ، އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންނެވެ.