ކުޅިވަރު

ބޮޑު މުބާރާތެއްގެ ފައިނަލުން ތިންވަނަ ފަހަރަށް އޮސާކާ ޖާގަ ހޯދައިފި


މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން ނައޯމީ އޮސާކާ ޖާގަ ހޯދައިފިއެވެ.

އޮސާކާ ފައިނަލަށް ދިޔައީ މުބާރާތުގައި ސެމީ ފައިނަލުގައި 28 ވަނައަށް ސީޑްކޮށްފައިވާ ޖަނެފާ ބްރެޑީއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ހަތަރު ވަނައަށް ސީޑްކޮށްފައިވާ އޮސާކާ މެޗު ކާމިޔާބުކުރީ 7-6 ، 6-3 ، 6-3 އިންނެވެ.

ދެގަޑިއިރާ އަށް މިނެޓަށް ދިގު ދެމިގެން ދިޔަ މެޗުގައި ބްރެޑިއާގެ މައްޗަށް އޮސާކާ ކުރި ހޯދީ ފަސޭހަކަމާއެކުއެވެ. މިމުބާރާތް 2018 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ޖަޕާންގެ އޮސާކާ ވަނީ މީގެ ކުރިން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ވެސް ފައިނަލުގައި ވާދަކޮށްފައެވެ.

މިމެޗުން ބަލިވި ބްރެޑީ އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިވަނީ 2017 ވަނަ އަހަރު މެލްބަންގައި ބޭއްވި އޮސްޓްރޭލިޔަން އޯޕަން ޓެނިސް މުބާރާތާއި ނިއުޔޯކުގައި ބޭއްވި ޔޫއެސް އޯޕަން މުބާރާތުގައެވެ. އެ ދެމުބާރާތުގައި ވެސް ހަތަރުވަނަ ބުރާހަމަޔަށް އޭނާ ވަނީ ދަތުރުކޮށްފައެވެ.

މި މޮޅާއެކު އޮސާކާ ވަނީ ތިންވަނަ ފަހަރަށް ޓެނިހުގެ ބޮޑު މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދާފައެވެ. އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވެސް ވާދަކޮށްފައެވެ. މިހާތަނަށް ބޮޑު ދެ މުބާރާތް ކާމިޔާބުކޮށްފައިވާ އޮސާކާ މި މުބާރާތުގެ ފައިނަލު ކުޅޭ މިއީ ދެވަނަ ފަހަރެއެވެ.