ކުޅިވަރު

އަހަރެން މިތާ މިހުރީ ހަތަރު ވަނަ މަގާމް ހޯދާކަށް ނޫން: ލަމްޕާޑް


އިނގިރޭސި ކުލަބު ޗެލްސީގެ ކޯޗުކަމުގައި ހުރީ ހަތަރު ވަނަ މަގާމު ހޯދަން ނޫންކަމަށާއި އެނާ ކުލަބުގައި ހުރީ ކާމިޔާބު ހޯދަން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

އައު ކުޅުންތެރިންނާއެކު ކުލަބުގެ ބައްޓަން ހެޔޮވަރު ވެއްޖެކަމަށް ލަމްޕާޑު ވަނީ ބުނެފައެވެ. ލަމްޕާޑު ބުނީ މިފަހަރު ޓްރާންސްފާގައި ކުލަބުން ބޭނުންވާ މަގާމުތަކަށް ކުޅުންތެރިން ހޯދިއްޖެ ކަމަށެވެ. އަދި މިދިޔަ އަހަރު ޓީމުން މަސައްކަތް ކުރީ އެކަޑަމީގައި ތިބި ރަނގަޅު ކުޅުންތެރިން ރެކްރޫޓް ކުރަންކަމަށެވެ.

ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ލަމްޕާޑު ބުނީ އޭނާ ޗެލްސީއަށް އައީ ކާމިޔާބު ހޯދޭނެ ހުރިހާ ގޮތްތަކެއް ހޯދައިގެންކަމަށާއި އަދި ދެމިހުންނާނީ ވެސް ކާމިޔާބު ހޯދަންކަމަށެވެ. ހުސްވި ސީޒަންގައި ޗެލްސީއާއެކު ލީގުގެ ހަތަރު ވަނައިގައި ނިންމާލި ކޯޗު ބުނީ ކުރިމަތިވާ ޕްރެޝަރަކީ ކަންކަން ރަނގަޅު ކުރުމަށް ލިބޭ ހިތްވަރެއްކަމަށެވެ. އޭނާ ބުނީ ހުސްވި ސީޒަނުގައި އޭނާ ޕްރެޝަރާ ކުރިމަތިނުވުމުން އޭނާ އަމިއްލައަށް ވެސް އެކަމާ ހައިރާންވި ކަމަށެވެ. ޗެލްސީން ވަނީ އާ ސީޒަނަށް ތައްޔާރުވުމަށް 200 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. އަދި ޓީމަށް އަލަށް ހަތް ކުޅުންތެރިޔަކު މިހާތަނަށް ވަނީ ގެނެސްފައެވެ.

ވާދަވެރި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޗެލްސީއާ އެއް ފެންވަރަށް ކޮންމެ ފަހަރަކު ލިވަޕޫލުން ކުޅުންތެރިން ގަތުމަށް އެވަރަށް ޚަރަދު ނުކުރާނެކަމަށާއި ލިވަޕޫލުން މަސައްކަތް ކުރާނީ ވިސްނުންތެރިކަމާއެކު ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށްކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ޗެލްސީ މިމަހުގެ ވިހި ވަނަ ދުވަހު ވާދަކުރާނެއެވެ. އޭގެ ކުރިން ޗެލްސީ އަންނަ ހޯމަ ދުވަހުގެރޭ ބްރައިޓަންނާ ދެކޮޅަށް ނުކުންނާނެއެވެ.