ކުޅިވަރު

ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ބާއްވަން ސައުދީން މަސައްކަތް ފަށައިފި


2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ބާއްވަން ސައުދީ އަރަބިއްޔާއިން، ކެމްޕެއިން ލޯންޗުކޮށް މަސައްކަތް ފަށައިފިއެވެ.

"ފޯވާޑް ފޯ އޭޝިޔާ" ގެ ސްލޯގަންއާއެކު އޭޝިއަން ކަޕް ބާއްވަން އިޢުލާންކޮށް ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ ވަނީ މުބާރާތް ބޭއްވުމަށް އެ ގައުމުގެ ބިޑު ލޯންޗްކޮށްފައެވެ. އެގައުމުގެ ކުޅިވަރު ތަރައްޤީ ކުރުމުގައި ވިސްނުމާއެކު ބިޑްގައި އުމްރާނީ ގޮތުން އަންނާނެ ގިނަ ކުރިއެރުންތައް ވަނީ ހިމަނާފައެވެ.

ސައުދީގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޔާސިރް އަލް މިސްހާލް ވިދާޅުވީ 2030 ވަނަ އަހަރުގެ ނިޔަލަށް ސައުދީގެ ކުޅިވަރު ތަރައްގީ ކުރުމުގެ ތަސައްވަރާއެކު އޭޝިއަން ކަޕަކީ މުހިންމު މުބާރާތެއް ކަމަށާއި މީގެ ސަބަބުން އޭޝިޔާގެ ފުޓްބޯޅައަށް ފައިދާތަކެއް ކުރާނެކަމަށެވެ. ޔާސިރް ވިދާޅުވީ މުބާރާތް ސައުދީގައި ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އޭޝިޔާ ބައްރުގެ ބޮޑު ފޯރިއެއް އޮންނަ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ކުރުންކަމަށެވެ. އޭޝިޔާގެ ގައުމުތަކުން ވެސް ކުރިއެރުން ހޯދުމުގައި ސައުދީގައި ހުރި ވަސީލަތްތަކާއިއެކު ކަމާގުޅުންހުރި އެކި ދާއިރާތަކުން ތަޖުރިބާ ހޯދުން ވެސް އެއީ މުހިންމު ކަމެއް ކަމަށް ޔާސިރު ވިދާޅުވިއެވެ.

އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު ސައުދީން ވަނީ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ފަސް ފަހަރު ޖާގަ ހޯދާފަފައެވެ. އަދި އެގައުމުން ވަނީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް އަދި އެންމެ ފަހަރަކުވެސް އޭޝިއަން ކަފް ފުޓްބޯޅަ މުބާރާތް އެގައުމުގައި ބާއްވާފައެއް ނުވެއެވެ.