ކުޅިވަރު

މަސައްކަތް ކުރީ ޑްރޯއަކަށް، އެކަމެއް ނުވި: ޓުޗެލް


ފްރާންސްގައި އަލަށް ޕްރޮމޯޓްވި ލެންސްއާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި މަސައްކަތްކުރީ މެޗު އެއްވަރުކޮށްގެން ނިންމާލަންކަމަށާއި އެކަން ހާސިލް ނުވީކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ފްރާންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ރޭ ލެންސާ ވާދަކޮށް ބަލިވީ 1-0 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ މި ނަތިޖާ ޕީއެސްޖީއަށް ހައްގުކަމަށާއި އޭނާގެ ޓީމު މެޗުން ބަލިވީ ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ. ހުސްވި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ވާދަކުރި ކޯޗު ބުނީ މެޗުގެ ފުރަތަމަ ހާފްގައި ޕީއެސްޖީ ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޖުމްލަކޮށް މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ޕީއެސްޖީ ކަމަށް ކޯޗު ބުންޏެވެ. އެހެންނަމެވެސް އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ނުކުރުވެން ކަމަށާއި ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފުނުކަމަށް ޓުޗެލް ބުންޏެވެ.

މި މެޗުގައި ތަފާތު ފެނިގެންދިޔައީ އޭނާގެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުމުން ކަމަށް ޓުޗެލް ވަނީ ފާހަގަކޮށްފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން ޓީމުގެ ފުރަތަމަ 11 ގައި ކުޅޭ ހަތް ކުޅުންތެރިޔަކު މި މެޗުގައި ނުކުޅެއެވެ. އެކުޅުންތެރިންގެ ތެރޭގައި ކީލިއަން އެންބާޕޭ، ނޭމާ، އިކާޑީ، އެންޖަލް ޑިމާރިޔާއާއި ކީޕަރު ކޭލޯ ނަވާސް ހިމެނެއެވެ.

މިމެޗުގެ ކުރިން ޕީއެސްޖީ ލެންސް އަތުން ބަލިވެފައި ވަނީ 2009 ވަނަ އަހަރެއެވެ. މިއީ 2011 ވަނަ އަހަރު ފަހުން ލީގުގެ ފުރަތަމަ މެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެއެވެ. ރަށުން ބޭރުގައި ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖެހެމުގެ ރެކޯޑު އާކުރަން ލިބުނު ފުރަސަތުވެސް ޕީއެސްޖީ ވަނީ މިމެޗުގައި ނަގާލާފައެވެ.