ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް އުރީދޫގެ ޚާއްސަ ކެމްޕެއިން


"ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އުރީދޫ މޯލްޑިވްސްއިން ފެށި ކެމްޕެއިންގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕުން ބައިވެރިވެއެވެ. މި ކެންޕެއިންގެ ތެރެއިން ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް މެސެޖްތައް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސްގެ އަމާޒެކެވެ.

"ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން ސިނާއަތް ކޮޅަށްޖެހުމެވެ. މި ކެމްޕެއިން ކުރިއަށްދާނީ މިމަހުން ފެށިގެން އަންނަ އަހަރުގެ ކުރީކޮޅުގެ ނިޔަލަށެވެ.

މި ކެމްޕެއިންގެ ދަށުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާރޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެވިގެންދާނެ ކަމަށްް އެކުންފުނިން ބުނިއެވެ.

މީސްމީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓްތަކަށް ކޮމެންޓްކޮށް ޝެއާރ ކުރައްވާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތާއި ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މިކެމްޕެއިނާއި ގުޅޭގޮތުން ގޮތުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިފަދަ ކެންޕެއިނެއް ފެށުނީތީ އެކަމާ އުފާ ކުރައްވާކަމަށެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ ދެއްވި މެސެޖުގައި ވިދާޅުވެފައެވެ.

"އުރީދޫގެ ވިޒިޓް މޯލްޑިވްސް ކެންޕެއިންގައި ބައިވެރިވުމަކީ ލިބެ ވަރަށް ބޮޑު އުފަލެއް. ރާއްޖޭ އޮތީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް. އަޅުގަނޑުމެންގެ އެއަރޕޯޓުތަކާއި، ދަތުރުފަތުރު ނިޒާމާއި، ރިޒޯޓު، ހޮޓާ، ގެސްޓް ހައުސްތަކާއި، ސަފާރީތަކާާއި، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރތައް ތިބީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކެމްޕެއިނާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ "ވިޒިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެމްޕެއިންގައި ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި، މިއީ މުހިއްމު ހަރަކާތެއްކަމަށެވެ.

"ކެންޕެއިންގެ ކާމިޔާބާއެކު ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަވާލެވިގެންދާނެ، އަދި މީގެ ސަބަބުން ގިނަ ޓުއަރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތްޖެހިގެންދާނެ ކަމަށެވެ. ދިވެހި ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފަ." ތޮއްޔިބް ވިދާޅުވިއެވެ.

އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ޙާން ވިދާޅުވީ، ކޯވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސްފައިވާއިރު އޭގެ ސަބަބުން ގިނަ ބަޔަކަށް އޭގެ އަސަރުކޮށްފައިވާކަމަށެވެ. އަދި މި ކެމްޕެއިންގެ ސަބަބުން ފަތުރުވެރިކަމަށް އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯވިޑް 19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން "ވިސިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ" އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު މިދިޔަމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކޮޅަށްޖެހުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އަދި އެމްއެމްޕީއާރުސީން ދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހުރިހާ މާރކެޓިންގ ހަރަކާތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކޮށް، ޑެސްޓިނޭޝަން މާރކެޓިންގ ހަރަކާތްތައް ފުޅާކުރަމުންނެވެ.