ޚަބަރު

މިއުޒިޝަން މޫސާ ފިރާޒް ނިޔާވެއްޖެ


ކުރީގެ މަޝްހޫރު މިއުޒިޝަން
މޫސާ ފިރާޒް ޢަލީ ( އޮގަރޭ ) ނިޔާވެއްޖެެއެވެ. 



އަށްޑިހަޔާއި ނުވަދިހައިގެ
އަހަރުތަކުގައި މިއުޒިކީ ދާއިރާއިން މަޝްހޫރުކަން ހޯދާފައިވާ ފިރާޒް ނިޔާވީ މީގެ
ފަސްވަރަކަށް ދުވަސްކުރިން ޖެހިވަޑައިގަތް ހާޓް އެޓޭކަކަށް އައިޖީއެމް
ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު އެއްގަޑި ތިރީސް
އެހާކަންހާއިރުއެވެ. 



މިހާތަނަށް ކައިވެންޏެއް ބައްލަވައިގެންފައިނުވާ ފިރާޒް ނިޔާވިއިރު
އުމުރުފުޅަކީ ފަންސާސް އެއް އަހަރުއެވެ. 

ރިސޯޓް މިއުޒިކު ކުޅުއްވުމުގައި ގިނަ ދުވަސްތަކެއް
ހޭދަކުރެއްވި މޫސާ ފިރާޒް އަލީ ނުވަތަ އޮގަރޭއަކީ މޮޅު ޑްރަމަރެއް އަދި ރީތިކޮށް
ލަވަ ވިދާޅުވި ބޭފުޅެކެވެ. 



އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި
މަޝްހޫރު ލަވައެއްކަމުގައިވާ " އެއްޗެއްކަޅެއް " ހިމެނެއެވެ. މީގެ އިތުރުން މިނިވަން
ފަންސަވީހުގެ ތީމް ލަވަޔާއި، " ލިސިން " ނަމަކަށް ކިޔާ އޭނާގެ އަމިއްލަ
އިނގިރޭސި ލަވައެއް ހިމެނެއެވެ،



އޭނާއާއި އެއްކޮށް މިއުޒިކް ކުޅުއްވަން އުޅުއްވި
ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު އެތައް ފަންނާނުނެއް ހިމެނޭ. އޭގެ ތެރޭގައި
އަބްސީ އާއި މެޒޯ މުހައްމަދު ފަދަ ފަންނާނުން ފާހަގަ ކޮށްލެވެއެވެ.



ފިރާޒާއި އެއްކޮށް މިއުޒިކް ކުޅުއްވަން އުޅުއްވި
ކުރީގެ މިއުޒިޝަނެއް ވިދާޅުވީ، އޭނާއަކީ މަޑުމައިތިރި ހިތްހެޔޮ ބޭފުޅެއްކަމަށް.
އަދި ފިރާޒް އަކީ ލަވަ ކިޔަމުން ބެރު ޖެހުމުގެ ހުނަރު ލިބިފައިވާ ފަންނާނެއްކަން
މިއުޒިޝަނުން ފާހަގަ ކުރެއެވެ.



މިއުޒިކުގެ ދާއިރާގެ އިތުރުން އެހެން މަސައްކަތެއް
މާގިނަ ދުވަހު ކުރައްވާފައިނުވާ، ފިރާޒް ވަނީ ދެތިން އަހަރު ވަންދެން
ސިފައިންގޭގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގެ
އިންގިލިޝް ސަރވިސްގެ ބައެއް ޕްރޮގްރާމުތައް އުފައްދާ ހުށަހަޅުއްވާދެއްވާފައިވެއެވެ.



ފިރާޒް ނިޔާވިއިރުވެސް
ދިޔައީ މިއުޒިކުގެ މަސައްކަތް ކުރަމުންކަމަށް އާއިލާއިން މަޢުލޫމާދެއެވެ.