ޚަބަރު

ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު 3،000އަށް މަދުކުރަނީ


ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު 5،200އިން 3،000އަށް މަދުކުރާނެކަމަށް އެމެރިކާއިން ރަސްމީކޮށް ބުނެފިއެވެ.

އެމެރިކާއިން ކުރަމުންދާ 'ނިމުމެއް ނެތް' ހަނގުރާމަތައް ހުއްޓުމަކަށް ގެނެސް ބޭރުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ އަސްކަރީ ފައުޖުތައް އަނބުރާ ޤައުމަށް ގެނައުމަކީ 2016ވަނަ އަހަރު އެމެރިކާގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގެން ރައީސް ޑޮނަލްޑު ޓުރަންޕުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް އަފްޣާނިސްތާނާއި ޢިރާޤާއި ސޫރިޔާފަދަ ޤައުމުތަކުގައި އެމެރިކާގެ ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ. ޢިރާޤުގައި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ 5،200 ސިފައިން އެ ޤައުމުގައިދަނީ ޙަރަކާތްތެރިވަމުންނެވެ.

ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި ޢިރާޤުންވަނީ ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު މަދުކުރުމަށް ނިންމާފައެވެ. ޢިރާޤުގައިތިބި އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމުގެ ޤާބިލުކަން ޢިރާޤުގެ އަސްކަރިއްޔާއަށް ލިބިފައިވާކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު ވަރަށް އަވަހަށް ތިންބައި ކުޅަ ދެބަޔަށް މަދުކުރާނެކަމަށް މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ރަސްމީ ފަރާތަކުން ވަނީ ބުނެފައެވެ. ޢިރާޤުގެ ބޮޑުވަޒީރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު މިދިޔަ މަހު ބޭއްވެވި ބައްދަލުވުމެއްގައިވެސް ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޮނުވާލާނެކަމުގެ ޔަޤީންކަންވަނީ ޓްރަންޕު ދެއްވާފައެވެ.

މި އަހަރުގެ ކުރީކޮޅުގައި ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުންވެސްވަނީ ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންނާއި އެހެނިހެން ގުޅިފައިވާ ފައުޖުތައް އެ ޤައުމުން ފޮނުވާލުމަށް ފާސްކޮށްފައެވެ.