ޚަބަރު

ޖަޕާނުންދޭ ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރަން ރާއްޖެއަށް ދޭން ނިންމާފައިވާ 24 ސްކޮލާޝިޕްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޖަޕާނުގައި މަތީ ތައުލީމު ހާސިލް ކުރުމާ ގުޅޭ "އެކްސްޖޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދެ ޤައުމުގެ ސަރުކާރުން ވަނީ މިދިޔަ މަހު ސޮއިކޮށްފައެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހަރަކާތްތެރިވާ ދެ އިދާރާގެ އިސްވެރިންގެ މެދުގައި ވި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ހަޔަރ އެޑިއުކޭޝަނުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަންއެވެ. އަދި ޖަޕާނުން ސޮއިކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޖަޕާނުން ސަރުކާރުން ފުލީ ފަންޑެޑް 24 ސްކޮލަރޝިޕް ދީފައިވާއިރު، މި ޕްރޮޖެކްޓަށް 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 1.2 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 4 އަހަރު، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް ޖަޕާނުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއިން ސޯސަލް ސައިންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޖަޕާނުގެ ސަރުކާރުން ވިދާޅުވެއެވެ.

ޖާޕަނު ސަރުކާރުގެ ޚަރަދުގައި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ދީފައިވާއިރު، ޖަޕާނުން ކުރިއަށްގެންދާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު"ގެ ދަށުން މިހާރުވެސް ދުނިޔޭގެ 15 ޤައުމަކަށް ޖަޕާނުން ވަނީ ހިލޭ ސްކޮލަރޝިޕް ދީފައެވެ.