ވިޔަފާރި

ކޯވިޑް-19ގެ ޚަރަދުތައް 1.2 ބިލިއަން ރުފިޔާގައި


ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާއްމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ކުރެވުނު ޚަރަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 2.6 އިންސައްތަ ވަނީ އިތުރުވެފައެވެ.

މި ރިޕޯޓުގައި ވާގޮތުން ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް ކޮށްފައިވާ ހަރަދުގެ ތެރެއިން 51.4 އިންސައްތަ ހޭދަކޮށްފައިވަނީ ކޯވިޑް-19 ހާލަތާއި ގުޅުން ހުރި ސިއްހީ އަދި އިޖްތިމާއީ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން ސެޕްޓެންބަރު 3 ވަނަ ދުވަހަށް ނިމުނު ހަފްތާއާއި އޭގެ ކުރީ ހަފްތާއާއި އަޅާ ކިޔާއިރު ދައުލަތުން ވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމަށްވެސް ބޮޑު ހަރަދެއް ކޮށްފައެވެ. އެގޮތުން އެލަވަންސް ދިނުމަށް ދައުލަތުން ވަނީ މިހާތަނަށް 20.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި މިބައްޔަށް ފަރުވާކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ވަނީ 2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޯވިޑްއަށް ކުރި ހޭދައިގެ ތެރެއިން 91.5 އިންސައްތަ ހޭދަކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށާއި، ހެލްތް މިނިސްޓްރީ އަދި އައިޖީއެމްއެޗްއަށެވެ.