ޚަބަރު

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރާނެ ފަރާތެއް ހޯދަނީ


ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.މިއީ ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވޮލޮޕްމެންޓްގެ ލޯން އެހީއާއި ދިވެހި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މަޝްރޫއެކެވެ.މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ކޮންޓެކްޓަރުން ޕްރީ ކޮލިފައި ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިއަދުވަނީ އިޢްލާން ކޮށްފައެވެ.މިމަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ ޠާރިގް އިބްރާހިމް ވިދާޅުވީ،  މަޝްރޫޢަށް ބޭނުންވާ ފައިސާ ސަރުކާރުން މިހާރު ހޯއްދަވާފައިވާކަމަށާއި، އެމަޝްރޫޢުގެ ޑިޒައިން މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.މިނިސްޓަރޠާރިގް އިތުރަށް ވިދާޅުވީ، ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވީހާވެސް އަވަހަސް ފެއްޓެވުމަށް ރައީސް ޔާމީންވެސް ބޭނުންފުޅުވާކަމަށާއި، އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގައި ދެން އެންމެ ބޮޑު ފެނާ ނަރުދަމާގެ ނިޒާމް ގާއިމް ކުރެވޭ ރަށަކަށް ފުވައްމުލައް ވެގެންދާނެކަމަށާއި އެހެންކަމުން އެވަރުގެ މަސައްކަތެއް ކުރުމަށް ގާބިލު ކޮންޓެކްޓަރެއް ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޠާރިޤް ވިދާޅުވިއެވެ.މިމަޝްރޫޢުގެ ޓެންޑަރ އިވެލުއޭޓުކުރުމަށްފަހު، ޢަމަލީ މަސައްކަތް ކުރުމަށް މިއަހަރު ފަހުކޮޅު ބަޔަކާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، 2017 ވަނަ އަހަރު ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްނިމި، ޚިދުމަތް ދެވޭވަރުވާނެކަމަށް މިނިސްޓަރ ތާރިގް ވިދާޅުވިއެވެ.މިމަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ އެގާރަވާ އާދީއްތަ ދުވަހުގެ ނިޔަލަށްވަނީ ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.ފުވައްމުލަކު ރަށްގިރުމުގެ މައްސަލަ ހައްލުކުރުމައް އަންނަ އަހަރު ޚާއްސަ މަސައްކަތެއް ފަށާނެކަމަށާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތައް ބޭނުންވާ ފައިސާ ހޯދުމުގެ މަސައކަތް މިހާރު ކުރަމުންދާކަމަށް އެންވަޔަރމަންޓް މނިސްޓްރީން މައުލޫމާތުދެއެވެ.