ކުޅިވަރު

ބޭނުންވަނީ ރެކޯޑް މުގުރާލަން: ރޮނާލްޑޯ


ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް 101 ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ބޭނުންވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި އަލީ ދާއީގެ ރެކޯޑު މުގުރާލަންކަމަށް އޭނާ ބުނެފިއެވެ.

އަލީ ދާއީ ވަނީ އިރާނުގެ ގައުމީ 1993 އަހަރުން ފެށިގެން 2006 އަހަރާ ހަމަޔަށް 109 ލަނޑު ޖަހާފައެވެ.

ރޯނާލްޑޯ ބުނީ 100 ލަނޑު ހަމަކުރުމަކީ އަބަދުވެސް ކުރި އުއްމީދެއްކަމަށާއި އެކަން ހާސިލްވުމުން އުފާވާކަމަށެވެ. އެނާ ބުނީ 100 ލަނޑު ހަމަކުރެވުނަސް އަދިވެސް އިތުރަށް ކުރިޔަށްދާން ބޭނުންވާ ކަމަށާއި އޭނާގެ އަމަޒަކީ ފިޔަވަޅަކަށް ފަހު ފިޔަވެޅެއް ފަރުވާތެރިކާމާއެކު އެޅުންކަމަށެވެ. މިހާރު އުމުރުން 35 އަހަރުގެ ފޯވާޑް ބުނީ ލަނޑު ޖަހަން އޭނާ އަބަދުވެސް ހުންނަނީ ދެވި ހިފާފަކަމަށާއި އެއީ އޭނާއަށް ލިބުނު ގުދުރަތީ ހުނަރެއްކަމަށެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ގައުމީ ޓީމަށް ލަނޑެއް ޖަހާފައިވަނީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެއަހަރުން ފެށިގެން ރޮނާލްޑޯ އަންނަނީ ކޮންމެ އަހަރުކުވެސް މެދުކެނޑުމެއް ނެތި ގައުމީ ޓީމަށް ލަނޑު ޖަހަމުންނެވެ. ރޮނާލްޑޯ 100 ލަނޑު ފަހަނަޅާ ދިޔައިރު އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 165 މެޗު ކުޅެދީފައެވެ.