ކުޅިވަރު

އަހަރެންގެ މުސްތަގުބަލު ވަނީ ބާސެލޯނާގައި: ގްރީޒްމަން


ބާސެލޯނާ ދޫކޮށްދާން އުޅޭ ވާހަކަތަކަށް އެޓީމުގެ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ރައްދު ދީފިއެވެ.

ގްރީޒްމަން ބުނީ ބާސެލޯނާގެ އައު ކޯޗު ރޮނާލްޑޯ ކޫމަން އޭނާ ވާހަދެއްކި ކަމަށާއި ކޫމަންގެ ޕްލޭންތަކުގައި އޭނާއަކީ މުހިއްމު ކުޅުންތެރިޔެއްކަމަށް ކޯޗު ބުނެފައިވާކަމަށެވެ. އައު ކޯޗާއެކު ސީޒަނަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭކަމަށް ވެސް ގްރީޒްމަން ބުންޏެވެ. އޭނާ ބުނީ އެހެން ކްލަބްތާކާއި ގުޅުވައިގެން މީހުން ވާހަކަ ދައްކަމުން ދަނީ ކީއްވެކަމެއް ނޭންގޭކަމަށާއި އޭނާ ބާސެލޯނާގެ ހުރީ ވަރަށް އުފަލުންކަމަށެވެ.

މިދިޔަ އަހަރު ބާސެލޯނާ އާއި ގުޅުނު ކުޅުންތެރިޔާ ބުނީ ކުރިޔަށް އޮތް ސީޒަނާ މެދުގައި އުއްމީދުތަކެއް ކުރެވޭކަމަށާއި އާ ކޯޗު ކޫމަންއާ މެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އޭނާ ބުނީ އަންނަ ސީޒަނަކީ އުނދަގޫ ސީޒަނެއްކަން އެނގޭކަމަށާއި ވާދަވެރި އެހެން ޓީމުތައްވެސް އައު ސީޒަނަށް އާ ކުޅުންތެރިންނާ އެކު ސްކޮޑް ވަރުގަދަ ވެފައިވާކަމަށެވެ.

ވާދަވެރި އެތްލެޓިކޯ މެޑްރިޑުން ބާސެލޯނާ އަށް ބަދުލުވި ކުޅުންތެރިޔާ ބުނީ އާ ސީޒަނަށް ބާސެލޯނާ އޮތީ ފުރިހަމަ ތައްޔާރަށް ކަމަށެވެ. ލަލީގާ ގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މިމަހު 27 ވަނަ ދުވަހު ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.