ކުޅިވަރު

29 އަހަރު ފަހުން އިންގްލޭންޑާއި ނިއުޒިލޭންޑް ވާދަކުރަނީ


އަންނަ ނޮވެންބަރު މަހު ނޭޝަންސް ލީގުގައި ބެލްޖިއަމް އާއި އައިސްލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ނިއުޒިލޭންޑާ ދެކޮޅަށް މެޗެއް ކުޅުމަށް އިންގްލޭންޑުން ހަމަޖައްސައިފިއެވެ.

މި ދެޓީމު ބައްދަލުކުރާ މެޗު އޮންނާ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޭސިއޭޝަނުން ނެރުނު ބަޔާނެއްގައި ވާގޮތުން މިމެޗު ކުރިޔަށްދާނީ ކަނޑައެޅިފައިވާ ގައިޑްލައިނާ އެއްގޮތައް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު ކަމަށެވެ. މިމެޗު ބެލުމަށްވެސް އިނގިރޭސި ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެކަމަށް އިނގިރޭސި އެފްއޭއިން ބުންޏެވެ.

އެފްއޭއިން ބުނެފައިވަނީ ވީ އެންމެ އަވަހަކަށް ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ކަންތަކުގައި އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލޭންޑް ވަނީ ފަހު ވަގުތު އައިސްލޭންޑް އަތުން މޮޅުވެ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށްފައެވެ. ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އިންގްލޭންޑް އޮތީ އެޓީމު ހިމެނޭ ގުރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގަ އޮތީ ދުނިޔޭގެ ރޭންކިންގައި ވެސް އެއްވަނައިގައި އޮތް ބެލްޖިއަމްއެވެ.

ނިއުޒިލޭންޑާ ދެކޮޅަށް އިންގްލޭންޑް ނުކުންނަނީ ވަރަށް ގިނަ ދުވަސްތަކަކަށްފަހުއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 1991 ވަނަ އަހަރެއެވެ. އެއަހަރު ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރީ އިންގްލެންޑުންނެވެ.