ވިޔަފާރި

މިއަދުން ފެށިގެން ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތްކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެން


ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން ޕީސީއާރް ޓެސްޓް ހާދާގޮތަށް ނިންމި ނިމުމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން މިއަދުން ފެށިގެން ކުރު ދަތުރުތަކުގައި އަންނަ ހުރިހާ ފަތުރުވެރިންވެސް ރާއްޖެއަށް އެތެރެވެވޭނީ ނެގަޓިވް ޕީސީއާރް ޓެސްޓް އޮވެގެނެވެ. މިފަދަ ފިޔަވަޅެއް އެޅީ ރާއްޖޭގައި މި ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާއިރު ރާއްޖެއަކީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްކަން ކަށަވަރުކުރުމަށްޓަކައި ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް އެތެރެވުމަށް ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފައިވާއިރު، މިހާރު ރާއްޖެއިން މި ޓެސްޓްކުރެވޭނެ އިންތިޒާމް އެކި މަރުކަޒުތަކުގައިވެސް ވަނީ ހަމަޖައްސާފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ މަހުގެ 14 ވަނަ ދުވަހު އާއްމުކުރައްވާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ފަތުރުވެރިން ކޯވިޑް-19ގެ ޓެސްޓް ހެދުމަށްޓަކާ އެކަމަށް ޚާއްސަ ހޮސްޕިޓަލަކަށް ދިއުމުގެ އެންމެ ލަސްވެގެން 48 ގަޑިއިރުކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެކަމަށާއި، އަވަހަށް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ އެ އުޞޫލުން ޢަމަލުކޮށްގެން ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކާ އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓްގެ ކޮޕީއަކާއި، ޕާސްޕޯޓުގެ ކޮޕީއަކާއި، ގުޅޭނެ ނަންބަރަކާއި ހުރި ސަރަޙައްދެއްގެ މަޢުލޫމާތު ހުށަހަޅަންޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 3 މަސް ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.