ކުޅިވަރު

ކޮންކާފް ސަރަހައްދުގެ ވަރލްޑް ކަޕް މެޗުތައް އަންނަ އަހަރަށް ފަސްކޮށްފި


އުތުރު އެމެރިކާއާ މެދުތެރެ އެމެރިކާ އަދި ކެރީބިޔަން ސަރަހައްދުގެ ވަރލްޑް ކަޕް ކޮލިފައިން މެޗުތައް އަންނަ އަހަރުގެ މާޗު މަހާހަމަޔަށް ފަސްކޮށްފިއެވެ.

ކޮލިފައިން ބުރުތައް ފަސްކުރަން ނިންމާފައިވަނީ ކޮންކާފުގެ އިސްވެރިންނާއި ފީފާގެ އޮފިޝަލުން ބޭއްވި މަޝްވަރާތަކަށްފަހުއެވެ. ކުރިން އަންނަ މަހު ފަށަން ހަމަޖެހިފަ އޮތް ކޮލިފިކޭޝަން ބުރު މާޗު މަހާހަމަޔަށް ފަސްކުރީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުންނެވެ.

އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ ޖަމިއްޔާ ކޮންކާފުން ނެރުނު ބާޔަނެއްގައި ވާގޮތުން ކޮލިފައިން މެޗުތައް މާޗު މަހާހަމަޔަށް ފަސްކުރީ އެ ސަރަހައްދުގެ ގައުމުތަކުގެ ހާލަތު ބެލުމަށްފަހު ކަމަށެވެ.

ކޮންކާފުން ބުނެފައިވާގޮތުން މާޗު މަހު ކުރިޔަށްދާނީ ކޮލިފައިންގެ ފުރަތަމަ ބުރުގެ ކުޅުމެއެވެ. ކޮންކާފުން އަންނަނީ ފީފާގެ އޮފިޝަލުންނާއެކު ކޮލިފައިންގެ އާ ޝެޑިއުލެއް މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ސަރަހައްދީ ރޭންކިންނައި ބަލައި މިހާރު ކޮލިފައިންގެ ފަހު ބުރުގައި ވާދަކުރާ ޓީމުތަކަކީ މެކްސިކޯ ، އެމެރިކާ، ކޮސްޓިރީކާ، ޖެމެއިކާ އަދި ހޮންޑިއުރަސްއެވެ.

މި ޓީމުތަކާއި ވާދަކުރުމަށް ފުރަތަމަ ބުރުގައި ވާދަކުރާ ޓީމުތަކުގެ ތެރިން އެންމެ ގިނަ ޕޮއިންޓު ހޯދާ ހަ ޓީމެއް މެދުގައި ދެ ލެގުގެ ނޮކައުޓް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.