ސިޔާސީ

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ސުޖާޢުގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި


މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢުގެ މައްޗަށް ދަޢުވާކުރަން އޭސީސީން ފޮނުވައިފިއެވެ.

ސުޖާޢުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިންގ ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާކަމަށް ބުނާ މައްސަލާގައެވެ.

މިމައްސަލާގައި އޭނާގެ މައްޗަށްކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤާމުގެ ނުފޫޒު ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމު ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި، މާލޭ ޕްލޭނިންގ ޤަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގޭކަމަށާއި، މިމައްސަލާގައި ބުނާ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާއި ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ޙުއްދަ 15 ޖަނަވަރީ 2014 މާލޭ ސިޓީކައުންސިލްގެ
އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާކަމަށް އޭސީސީންވަނީ ބުނެފައެެވެ.

މި ޙުއްދަތަކުގައި ސޮއިކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢުކަމަށާއި އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް" މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށްކަމަށްވެސް އޭސީސީންވަނީ ހާމަކޮށްފައެވެ.

ނަމަވެސް، އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާކަމަށް ތަޙްޤީޤަށް އެނގެންއޮތްކަމަށް އެކޮމިޝަނުން ބުނެއެވެ.

އެހެންކަމުން، 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލޭ ޕްލޭނިންގ ޤަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައި ވަނީ، އިބްރާހީމް ސުޖާޢު އަށް އެނގިހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް އޭސީސީގެ ތަޙްޤީޤަށް ސާބިތުކުރެވޭކަމަށް އެކޮމިޝަނުންވަނީ މައުލޫމާތުދެއްވާފައެވެ.