ޚަބަރު

ބަންގްލަދޭޝް މީހެއްގެ އަތުން 3 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ކެނަބިސް


ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4 ކިލޯއަށް ވުރެ ގިނަ ކެނަބިސް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 8 ވަނަދުވަހުގެ ރޭ ވައިގެމަގުން ރާއްޖެއައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންކަމަށެވެ.

މިމިހާގެ ލަގެޖް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ތަޙްލީލުކުރިއިރު ކެނަބިސް އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ. މީނާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.4 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3,558,400 (ތިން މިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މި މީހާއާއި މީނާގެ އަތުން ފެނުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށް އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.