ޚަބަރު

ކޯވިޑް-19ގެ މިޙާލަތުގައިވެސް އަންހެނުންނާއި ކުޑަކުދިންގެ މަސްލަހަތު އިސްކުރަންޖެހޭ


ކޮވިޑް-19ގެ މި ޙާލަތުގައިވެސް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި، އަންހެނުންނާއި ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ގޮވާޅައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ ކޮމަންވެލްތުން އިސްނަގައިގެން އޮންލައިންކޮށް ކުރިއަށްގެންދިޔަ "ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް" އިވެންޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި އިވެންޓްގައި މިނިސްޓަރވަނީ މުޙިންމު ކަންތައްތަކެއްގެ މައްޗަށް އަލިއަޚުއްވާލައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ މިޙާލަތުގައި އަންހެނުނާއި ކުޑަކުދިންނަށް އަދާކޮށްދޭންޖެހޭ ޙަގުތަކާއި، އަދި އަންހެނުންނާއި ކުޑަކުދިންގެ މަސްލަޙަތަށް އިސްކަންދިނުމުގެ މައްޗަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. ވަރޗުއަލްކޮށް ބޭއްވި މި އިވެންޓުގައި ޑިޖިޓަލް ޕޯޓަލް ލޯންޗުކޮށްދެއްވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑެވެ.

މި ޑިޖިޓަލް ޕޯޓަލަކީ ކޮމަންވެލްތާއި، ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ "ނޯ މޯ" ގުޅިގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕޯޓަލެކެވެ. މި ޕޯޓަލްގެ ސަބަބުން ކޮމަންވެލްތު މެންބަރު ޤައުމުތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުން ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.