ޚަބަރު

2050ގެ ކުރިން އެތައް ބަޔަކު ގެދޮރުދޫކޮށް ބޮޑެތި މައްސަލަތަކާއި ކުރިމަތިވާނެ - ދިރާސާ


2050ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެއް ބިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިޖުރަކުރަންޖެހޭނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް ފޯރ އިކޮނިމިކްސް އެންޑް ޕީސް، އައިއީޕީއިން ކުރި ދިރާސާއިން ދައްކާގޮތުގައި ގެދޮރު ދޫކޮށް މީހުން އެހެން ތަންތަނަށް ހިޖުރަކުރާނީ މައިގަނޑު 3 ސަބަބަކާއި ހުރެއެވެ. މީގެތެރޭގައި ހިމެނެނީ ހަލުވި ދުވެލީގައި އާބާދީ އިތުރުވުމާއި ކާބޯތަކެއްޗާއި ބޯފެން ހޯދުމަށް ދަތިވުމުގެ އިތުރުން ގުދުރަތީ ކާރިޘާތަކަށް ހުށަހެޅުމެވެ. މި ސަބަބުތަކުގެ ސަބަބުން އެއް ބިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިއުމަށް މަޖުބޫރުވާނެކަމަށް މި ދިރާސާއިން ދައްކައެވެ.

މިިދޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގި ހަމަނުޖެހުމާއި ތިމާވެއްޓަށް ދިމާވި މައްސަލަތަކުގެ ސަބަބުން 20 މިލިއަން މީހުންނަށްވަނީ ގެދޮރު ދޫކޮށް ހިޖުރަކުރުމަށް މަޖުބޫރުވެފައެވެ. 2050 އަހަރު އަންނަންވާއިރަށް ދުނިޔޭގެ އާބާދީ 10 ބިލިއަނަށް އިތުރުވާނެކަމަށް ބެލެވޭކަމަށާއި އޭގެ ސަބަބުން ވަޞީލަތްތައް ހޯދުމުގައި އޮންނަ ވާދަވެރިކަން އިތުރުވެ ހަމަނުޖެހުންތަކަށް މަގުފަހިވުން އެކަށީގެންވާކަމަށް އައިއީޕީގެ ދިރާސާއިންވަނީ ދައްކާފައެވެ.

އެފުރިކާއާއި މެދުތެރޭ އެޝިޔާއާއި މެދުއިރުމަތީގެ ނާޒުކު ސަރަޙައްދުތަކުގައި ދިރިއުޅޭ 1.2 ބިލިއަން މީހުން އެހެން ތަންތަނަށް ހިޖުރަކުރުމަށް މަޖުބޫރުވާނެކަމަށް ބެލެވޭކަމަށް އެ ދިރާސާގައިވަނީ ބުނެފައެވެ.

އައިއީޕީގެ ބާނީ، ސްޓީވް ކިލެލާ ވިދާޅުވީ އެތައް މިލިއަން މީހުން ހިޖުރަކުރަން މަޖުބޫރުވުމުން އިޖުތިމާޢީ ބޮޑެތި މައްސަލަތަކުގެ އިތުރުން ސިޔާސީ މައްސަލަތައްވެސް އިތުރުވެގެންދާނެކަމަށެވެ. ކުރިއަރަމުން އަންނަ ޤައުމުތަކެކޭ އެގޮތަށް ކުރިއަރާފައިވާ ޤައުމުތަކަށްވެސް އެ އަސަރުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގިނަ ޢަދަދެއްގެ މީހުންގެ ގެދޮރު ގެއްލުމުން ތަރައްޤީވެފައިވާ ޤައުމުތަކަށް ހިޖުރަކުރާ ރެފިއުޖީންގެ ޢަދަދު އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގެދޮރު ދޫކޮށް ހިޖުރަކުރުމަށް މަޖުބޫރުވާ ސަބަބުތައް އެ ދިރާސާގައިވަނީ ދެ ދާއިރާއަކަށް ބަހާލާފައެވެ. އެއް ދާއިރާގައި ހިމަނާފައިވަނީ ކާބޯތަކެއްޗާއި ބޯފެން ނުލިބުމާއި އާބާދީ އިތުރުވުމެވެ. ދެވަނަ ދާއިރާގައި ހިމަނާފައިވަނީ ފެން ބޮޑުވުމާއި ވާރޭ ނުވެހުމާއި ތޫފާންތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ހޫނުގަދަވުންފަދަ ގުދުރަތީ ކާރިޘާއަކެވެ. އެ ދިރާސާގައިވަނީ 150 ޤައުމަށް އޮތް ނުރައްކަލާއި އެ ނުރައްކަލާއި ކުރިމަތިލުމުގެ ޤާބިލުކަން އެ ޤައުމުތަކަށް ލިބިފައިވާ މިންވަރުގެ މައްޗަށްވެސް ބަލައިލައިފައެވެ.

އިންޑިޔާއާއި ޗައިނާފަދަ ޤައުމުތަކަށް ކުރިމަގުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ފެން ލިބުމުގެ ދަތިކަންކަމަށާއި ޕާކިސްތާނާއި އީރާނާއި މޮޒަމްބީގާއި ކެންޔާ އަދި މަޑަގަސްކަރަފަދަ ޤައުމުތަކަށް އެކި ޒާތްޒާތުގެ ނުރައްކާތައް ކުރިމަތިވާނެކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. އަދި އެ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެއް ދުވަހަށްވުރެ އަނެއް ދުވަހަށް ދާނީ ދަށަށްކަމަށްވެސް ބުނެފައިވެއެވެ. 90 ސަފުހާގެ ދިރާސާގައި ބުނީ އެ ޤައުމުތަކުގެ ޙާލަތު މިވަގުތަށް ރަނގަޅު ނަމަވެސް ކުރިމަގުގައި ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާން ޖެހުމުގެ ފުރުޞަތު އެ ޤައުމުތަކަށް ބޮޑުކަމަށެވެ.

މީގެ 50 އަހަރު ކުރިން ދުނިޔޭގައި ލިބެންހުރި ބޯފެނުގެ ނިސްބަތަށްވުރެ މިހާރު ލިބެންހުރި ބޯފެނުގެ ނިސްބަތް 60 އިންސައްތަ ދަށަށް ގޮސްފައިވާކަމަށްވެސް މި ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ކާބޯތަކެތި ބޭނުންވާ މިންވަރުވެސް 50 އިންސައްތަ އިތުރުވާނެކަމަށް ބެލެވޭކަމަށް ދިރާސާގައިވެއެވެ. އޭގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ މެދުފަންތިއަށް ނިސްބަތްވާ މީހުންގެ ނިސްބަތް އޭޝިޔާ ސަރަޙައްދުގައި އިތުރުވުމެވެ. އޭގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިޘާތައް މެދުވެރިވާ މިންވަރު އިތުރުވެ 2050ވަނަ އަހަރު އަންނަންވާއިރަށް މިހާރު ޙާލަތު ރަނގަޅު ޤައުމުތައްވެސް ނާޒުކު ޙާލަތަކަށް ވެއްޓޭނެކަމަށް ބެލެވޭކަމަށްވެސް މި ދިރާސާއިން ދައްކައެވެ.

އައިއީޕީއިން ބުނީ އެ ފަރާތުން ކުރި ދިރާސާގެ ނަތީޖާގެ މައްޗަށް ބަލައި ކުރިއަށް އޮތްތަނުގައި އެހީ ދިނުމާއި ތަރައްޤީކުރުމުގެ ސިޔާސަތުތަކަށް ބައްޓަންކުރުމުގައި މޫސުމީ ބަދަލުތަކުގެ އަސަރުތަކަށް އިތުރަށް ސަމާލުކަންދޭނެކަމަށް އުންމީދުކުރާކަމަށެވެ.