ޚަބަރު

ސްވީޑަންގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށަށްގޮސްފި


ސްވިޑަންގައި ކޯވިޑް-19 ފެތުރެން ފެށިފަހުން ބަލިޖެހޭ މީހުންގެ ނިސްބަތް އެންމެ ދަށީ މިހާރުކަމަށް ތަހުލީލުގެ ނަތީޖާތަކުން ދައްކައިފިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ފުރަބަންދުކޮށްފައި ނުވާ ޤައުމެއްގެ ގޮތުގައި ފާހަގަވި ސްވިޑަންގައި މިދިޔަ ހަފުތާގެ ތެރޭގައި 120،000އަށްވުރެ ގިނަ ތަހުލީލު ވަނީ ކޮށްފައެވެ. އޭގެ ތެރެއިން ބަލިޖެހިފައިވާކަމަށް ނަތީޖާއިން ދެއްކީ އެންމެ 1،300 ސާންޕަލުންނެވެ. އެއީ ތަހުލީލުތަކުގެ 1.2 އިންސައްތައެވެ. މިއީ އެ ޤައުމުގައި ކޯވިޑް-19 ފެތުރެން ފެށިފަހުން ބަލި ފެތުރޭ މިންވަރު އެންމެ ދަށަށްގިޔަ ޢަދަދެވެ. ބަހާރު މޫސުމުގައި ބަލި ފެތުރުނު ދުވަސްވަރު އެ ނިސްބަތްހުރީ 19 އިންސައްތައިގައެވެ.

ސްވިޑަންގައި ބަލިޖެހިފައިވާ މީހުންގެ ނިސްބަތް އެހާ ދަށްވެފައިވަނީ ވިލާތުގެ ގިނަ ސަރަޙައްދުތަކުގައި ބަލިފެތުރޭ މިންވަރު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސްވިޑަންގައި ބަލިފެތުރެން ފެށުމުން ޤައުމު ފުރަބަންދުކުރުމުގެ ބަދަލުގައި ސަރުކާރުން ނިންމީ ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް ބާރުއަޅާ، އިޖުތިމާޢީ ގައިދުރުކަމާއި ސާފުތާހިރުކަން އިސްކުރުމަށް ރައްޔިތުންނަށް ނަޞޭޙަތްތެރިވުމަށެވެ. އެ ޤައުމުން އަމާޒުކުރީ ބަލި ނައްތާލުމުގެ ބަދަލުގައި ބަލި ފެތުރޭ މިންވަރު ލަސްކުރުމަށެވެ.

ސްވިޑަނުން އެގޮތަށް ޢަމަލުކުރަން ނިންމުމުން، ބަހާރު މޫސުމުގައި ގިނަ ޢަދަދެއްގެ މީހުން ބަލިޖެހިގެން މަރުވެ ގިނަ ބައެއްގެ ފާޑިކިއުންވަނީ އެ ޤައުމަށް އަމާޒުވެފައެވެ. ނަމަވެސް ސްވީޑަނުން ޢަމަލުކޮށްފައިވާގޮތަކީ ދެމެހެއްޓެނެވިގޮތެއްގައި ޢަމަލުކުރެވޭނެ މޮޑެލެއްކަމަށްބުނެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ އެ ޤައުމަށް ތަޢުރީފުކޮށްފައެވެ.

ސްވިޑަންގެ ޞިއްޙަތާބެހޭ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ޔޯހަން ކާލްސަން ވިދާޅުވީ އެ ޤައުމުން ޢަމަލުކޮށްފައިވާ ގޮތުގެ މަޤުސަދަކީ ޢާންމުން ޒިންމާދާރުކޮށް ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް ތަބާވުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުންކަމަށެވެ. ގިނަ ޤައުމުތަކުގައި އަބަދުމެ ބަދަލުވަމުންދާ ޤަވާއިދުތަކާއި ފުރަބަންދުގެ އުސޫލުތައް ޤާއިމްކޮށްފައިވާ ނަމަވެސް ސްވީޑަންގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ އެންމެންނަށްވެސް ދޭހަވާން ފަސޭހަ އަދި ދިގު މުއްދަތަށް ދެމެހެއްޓޭނެ އުސޫލުތަކެއްކަމަށެވެ. ބައްޔާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވަންދެން އެގޮތަށް ޢަމަލުތައް ބަހައްޓަންޖެހޭނެކަން ސްވީޑަންގެ ރައްޔިތުން ޤަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ސްވީޑަންގައި 85،707 މީހުންނަށް ކޯވިޑް-19ޖެހި 5،838 މީހުންވަނީ މަރުވެފައެވެ. މަރުވި މީހުންގެ ޢަދަދަކީ ނޯޑިކްގެ އަވަށްޓެރި އެހެން ޤައުމުތަކަށްވުރެ ގިނަ ޢަދަދެއް ނަމަވެސް އެއީ އިޓަލީވިލާތާއި ސްޕެއިނާއި އިނގިރޭސިވިލާތުގައި މަރުވި މީހުންގެ ޢަދަދަށްވުރެ ދަށް ޢަދަދެކެވެ. މިހާރު ސްވީޑަންގައި މަރުވާ މީހުންގެ ޢަދަދާއި ބަލީގައި ޙާލު ބޮޑުވާ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ނަމަވެސް ފުރަބަންދުކުރުމަށްފަހު އެ އުސޫލުތަކަށް ފަހުން ލުއި ދިން ސްޕެއިނާއި ފަރަންސޭސިވިލާތުފަދަ ޤައުމުތަކުގައިވަނީ ޢަދަދުތައް އިތުރުވެފައެވެ.