ޚަބަރު

އެސްޓްރަޒެނެކާއިން ކުރިއަށްގެންދާ ވެކްސިން ތަހުލީލުތައް މެދުކަނޑާލައިފި


ކޯވިޑް-19އާ ދެކޮޅަށް ރައްކާތެރި ވެކްސިނެއް ތައްޔާރުކުރަމަށް މަސައްކަތްކުރަމުންދާ އެސްޓްރެޒެނެކާ ކުންފުނިން އެ ވެކްސިންގެ ފަހުގެ މަރުހަލާތަކުގެ ތަހުލީލުތައް މެދުކަނޑާލައިފިއެވެ. އެ ކުންފުނިންބުނީ ތަހުލީލުތައް މެދުކަނޑާލާފައިވަނީ ތަހުލީލުގެ ބައިވެރިއަކަށް ވެކްސިން ދިނުމުގެ ސަބަބުން ގޮތް ނޭނގޭ ނޭދެވޭ އަސަރުތަކެއް ކޮށްފައިވާތީކަމަށެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އޮކްސްފޯޑާ ގުޅިގެން ތައްޔާރުކުރަމުންދާ ވެކްސިން ފާހަގަވެފައި އޮތީ އެންމެ އުންމީދީ އެއް ވެކުސިނުގެ ގޮތުގައެވެ. އެސްޓްރެޒެނެކާއިން މީގެކުރިންވަނީ މި އަހަރު ނިމެންވާއިރަށް ވެކްސިން ތައްޔާރުވެ މީހުންނަށް ދޭން ފެށޭވަރުވާނެކަމަށް ބުނެފައެވެ.

އެސްޓްރެޒެނެކާއިން ބުނީ އެ ކުންފުނިން ކުރަމުންދިޔަ ތަހުލީލުތައް އަމިއްލަ އިޚްތިޔާރުގައި މެދުކަނޑާލާފައިވާކަމަށާއި ވެކްސިންގެ ރައްކާތެރިކަން ޔަޤީންކުރުމަށް ވެކްސިނާބެހޭ މަޢުލޫމާތު މިނިވަން ކޮމިޓީއަކުން ބެލުމަށް ފުރުޞަތު ދީފައިވާކަމަށެވެ. ވެކްސިން ތަޢާރަފުކުރުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބުރޫއެރިޔަ ނުދިނުމަށް ވީހާވެސް އަވަހަށް މައްސަލަ ބަލައި ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޓްރެޒެނެކާއިން އިތުރަށް ބުނީ މިފަދަ މައްސަލަތަކަކީ ވެކްސިންގެ ތަހުލީލުތަކުގައި އާންމުކޮށް ދިމާވާކަމެއްކަމަށެވެ. ނަމަވެސް ތަހުލީކުގެ ބައިވެރިޔާއަށް ދިމާވީ ކޮންކަހަލަ މައްސަލައެއްކަމާއި އެއީ ކޮން އިރަކު ދިމާވި މައްސަލައެއްކަމުގެ ތަފްޞީލު ދީފައެއް ނުވެއެވެ.

ވެކްސިނެއް ތައްޔާރުކުރުމަށް އެސްޓްރަޒެނެކާއިން ބޭނުންކުރަނީ އެޑީނޯވައިރަހެވެ. ރޯގާ ޖައްސާ އެ ވައިރަސް މެދުވެރިކޮށް ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑަށް ތަޢާރަފުކުރެއެވެ. އޭޒީޑީ1222ގެ ނަމުން ނަންދީފައިވާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް އެމެރިކާގައި ފަށާފައިވަނީ އޯގަސްޓު މަހުގެ ފަހުކޮޅުގައެވެ. އެމެރިކާގެ 62 މަރުކަޒެއްގެ އިތުރުން އެސްޓްރެޒެނެކާ ވެކްސިންގެ ތަހުލީލުތައްދަނީ އިނގިރޭސިވިލާތާއި އެމެރިކާއާއި ބުރެޒިލާއި ދެކުނު އެފުރިކާއާއި އިންޑިޔާގައި ކުރިއަށްދަމުންނެވެ. ޖަޕާނާއި ރަޝިޔާގައި ތަހުލީލުތައް ފެށުމަށްވެސްވަނީ ރާވާފައެވެ.

އެސްޓްރަޒެނެކާއިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ ތަހުލީލުތަކުގެ ބައިވެރިންގެ ރައްކާތެރިކަން ޔަޤީންކުރުމަށް ޚާއްޞަ އިސްކަމެއް ދޭކަމަށާއި އެންމެ ރަނގަޅު ފެންވަރުގައި ތަހުލީލުތައް ކުރިއަށް ގެންދިއުމަށް އަބަދުވެސް މަސައްކަތްކުރާކަމަށެވެ.