ޚަބަރު

ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް 260އަށްވުރެ ގިނަ ނަރުހުން ހޯދަން އިޢުލާން ކޮށްފި


ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް 260އަށްވުރެ ގިނަ ނަރުހުން ހޯދުމަށް ހެލްތް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.

ޙެލްތު މިނިސްޓްރީން ވަނީ ތިން ރޭންކެއްގެ 263 ނަރުހުން ހޯދުމަށް އިޢުލާން ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޖިސްޓަރޑް ނަރުހުންނާއި، ސީނިއަރ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުންނެވެ.

މިނިސްޓްރީއިން ނަރުހުން ހޯދުމަށް އިއުލާންކޮށްފައިވަނީ ފ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއްގެ އެކި ރަށްތަކުގެ ސިއްޙީ މަރިކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކަށެވެ. މިއީ ބައެއް ރަށްތަކުގައި ޚިދުމަތްދޭ ނަރުހުންގެ އަދަދު އިތުރު ކުރުމަށާއި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ހުސްވެފައިވާ ނަރުހުންގެ މަޤާމުތަކަށް ބޭނުންވާ ނަރުހުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޤާމުތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ލެވެލް 5ގެ ރެޖިސްޓަރޑް ނަރުހަކަށް 9060ރުފިޔާ، ލެވެލް 7،8ގެ ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 9670 ރުފިޔާ، ލެވަލް 9ގެ ކްލިނިކަލް ނަރުހުންނަށް 10،410 ރުފިޔާއެވެ. އަދި މީގެއިތުރުން ސަނަދުތަކަށްދޭ އެލަވަންސްތަކާއި، ސަރވިސް އެލަވަންސްއާއި އެހެނިހެން އެލަވަންސްތައް ހިމެނެއެވެ.

ވަޒީފާއަށްއެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ހެލްތު މިނިސްޓްރީން ވަނީ ގެޒެޓްގައި އާއްމުކޮށްފައެވެ. މަޤާމަށްއެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަށް 23ސެޕްޓެމްބަރ 2020 ގެކުރިން [email protected] އަށް ހުށައެޅުމަށް ހެލްތްމިނިސްޓްރީއިންވަނީ އެދިފައެވެ.

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތަށް އޮންނާނީ އޮކްޓޯބަރުމަހާއި ނޮވެމްބަރުމަހާއި ދެމެދު، ވަޒީފާއަށް އެދި ކުރިމަތިލާ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގައެވެ.