ޚަބަރު

އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރަންފަށައިފި

އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ކޮމަންވެލްތު އެޑިޔުކޭޝަނަލް މީޑިއާ ސެންޓަރ ފޯރ އޭޝިއާ (ކެމްކާ) އާއި އެން.އައި.އީ އާއި ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ތަޢާރަފު ކޮށްދެއްވީ ކުމްކާގެ ޑިރެކްޓަރ ޕްރޮފެސަރ މަދޫ ޕަހާރުއެވެ. ފައްޓަވާދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ދާނީ ސެޕްޓެމްބަރ 8 ން 10 އަށް، ކޮންމެދުވަހަކު 2 ގަޑިއިރަށްކަމަށެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅި އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޓޫލްތަކާއި އޮންލައިން ކިޔަވައިދިނުމުގައި ކުދިން އެސެސްކުރާނެގޮތާއި އަދި މުހިންމުބައެއް އޮންލައިން ޓޫލްތައް ކިޔައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި ސްކޫލްތަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން 677 ބޭފުޅުން ބައިވެރިވެއެވެ. ސެޝަންތައް ނަންގަވައި ދެއްވަނީ ކެމްކާއިން ހަމަޖައްސާފައިވާ ފެސިލިޓޭޓަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މީގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށްއޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގައި ސްކޫލްތައް ބަންދުކުރުމާއިއެކު ދަރިވަރުންގެ ކިޔެވުން ހުއްޓިގެން ދިޔަ ނުދިނުމަށްޓަކައި އޮންލައިންކޮށް އަންނަނީ ކިޔަވައިދެމުންނެވެ.