ޚަބަރު

ހަ މަހަށްފަހު ތާޖު މަހަލް އަލުން ހުޅުވަނީ


ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ބިނާކަމަށްވާ އިންޑިޔާގެ އާގުރާގައި ހުންނަ ތާޖު މަހަލު މިމަހުގެ 21 ވަނަދުވަހު ހުޅުވާލާނެކަމަށް އިންޑިޔާއިން ބުނެފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެއެޅި ފިޔަވަޅެއްގެ ގޮތުން ތާޖު މަހަލް ބަންދުކުރުމަށްފަހު އެތަން އަލުން މި ހުޅުވާލަނީ ހަ މަހަށްފަހުއެވެ. މި ތަން އަލުން ހުޅުވާމިލަނީ ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން އަންލޮކް4 ގެ ދަށުންނެވެ.

ކޯވިޑް ބަލިމަޑުކަން އިންޑިއާގައި ފެތުރެން ފެށުމުން ގިނަ ޢަދަދެއްގެ ފަތުރުވެރިން މެދުގައި މަގްބޫލު ތާޖު މަހަލް އިންޑިއާ ސަރުކާރުން ބަންދުކުރީ މިއަހަރުގެ މާރިޗުމަހުގެ 17 ވަނަދުވަހުއެވެ. އަހަރަކު 7 މިލިއަނެއްހާ މީހުން ޒިޔާރަތްކުރާ ތާޖު މަހަލް ހުންނަ އަގުރާއަކީ އިންޑިޔާގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރުނު އެއް ސަރަޙައްދެވެ. އާގުރާ ހިމެނޭ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު އުއްތަރު ޕްރަދޭޝް ސްޓޭޓު މި ވަގުތު އޮތީ އިންޑިޔާގައި ފަސްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ސްޓޭޓުގެ ގޮތުގައެވެ.

އާގުރާގައި މިހާތަނަށް 3،500 އެއްހާ މީހުންނަށް ބަލިޖެހި 110 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް މި ބަލީގެ 83 މީހުންވަނީ އާގުރާއިން ފެނިފައެވެ.

އާގުރާ ޑިސްޓުރިކުގެ މެޖިސްޓްރޭޓު ޕްރާބޫ އެން ސިންހު ވިދާޅުވީ ބިނާތައް ހުޅުވުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ތާޖްމަހަލަށް ޒިޔާރަތްކުރާ މީހުން ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެކަމަށެވެ. އޭގެ ތެރޭގައި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުމާއި އަތުން ގިނަގިނައިން ޖަރާސީމު ފިލުވުން ހިމެނެއެވެ.

ތާޖް މަހަލަށް ވަނުމަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިންޓަނެޓު މެދުވެރިކޮށެވެ. އޭގެ އިތުރުން ތާޖްމަހަލަށް ޒިޔާރަތްކުރާއިރު މާސްކު ބޭނުންކުރަން ޖެހޭނެއެވެ. ކޮންމެ ދުވަހަކުވެސް ތާޖު މަހަލަށް ޒިޔާރަތްކުރެވޭނީ ގިނަވެގެން 5،000 މީހުންނަށެވެ. އެއީ މެންދުރު ކުރީގައި 2،500 މީހުނާއި މެންދުރުފަހުވެސް 2،500 މީހުންނެވެ. އަގުރާ ފޯޓަށް ޒިޔާރަތްކުރެވޭނީ ދުވާލަކު ގިނަވެގެން 2،500 މީހުންނަށެވެ.

1.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާ ވަނީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގައި މިހާތަނަށް 4.37 މިލިއަން މީހުންނަށް ބަލިޖެހި 73،923 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 89،852 މީހުންނަށްވަނީ ބަލިޖެހިފައެވެ.