ދުނިޔޭގެ ވިޔަފާރި

އިއްތިހާދު އެއަރވޭސްއިން ކޯވިޑްއާ ގުޅިގެން ޚާއްސަ އިންޝުއަރެންސެއް


އަބޫދާބީގެ އިއްތިހާދު އެއަރވޭސްގެ މަތިންދާބޯޓުތަކުން ދަތުރުކުރާ ފަސިންޖަރަކު ދަތުރަށްފަހު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެނަމަ، އެކަމާގުޅޭ ޚަރަދުތައް އެއަރލައިނުން ހަމަޖައްސާ ގޮތަށް ހަމަޖައްސައިފިއެވެ.

އިއްތިހާދު އެއަރވޭސްއިން ބުނީ އެ އެއަރލައިންގެ ފްލައިޓަކުން ދަތުރުކުރާ ފަރާތެއް، ދަތުރުކުރާތާ 31 ދުވަހުގެ ތެރޭގައި ކޯވިޑްއަށް ޕޮޒިޓިވްވެއްޖެނަމަ މެޑިކަލް ޙަރަދުތަކާއި ކަރަންޓީންވުމަށް ހިނގާ ޚަރަދުތައް އެއަރލައިނުން ހަމަޖައްސައިދޭނެކަމަށެވެ. އެގޮތުން މެޑިކަލް ޚަރަދުތަކަށް އެއް ލައްކަ ފަންސާސް ހާސް ޔޫރޯ ހަމަޖައްސާފައިވާއިރު ކަރަންޓީންވުމުގެ ޚަރަދަށް ދުވާލަކަށް 100 ޑޮލަރު ވަނީ ކަނޑައަޅާފައިވާކަމަށް އިއްތިހާދު އެއަރވޭސްއިން ބުނެއެވެ.

އިއްތިހާދު އެއަރވޭސްއިން ކޯވިޑްއާ ގުޅިގެން ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް މި ޕެކޭޖް ލިބޭނެކަމަށް އިއްތިހާދު އެއަރވޭސްއިން ބުނެއެވެ.

އިއްތިހާދު އެއަރވޭސްގެ އިތުރުން، އެހެން ބައެއް އެއަރލައިންތަކުންވެސް ދަނީ ދަތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިފަދަ ތަފާތު ޕެކޭޖްތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ދުބާއީގެ އެމިރޭޓްސް އެއަރލައިނުންވެސް ވަނީ މިފަދަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކޮށްފައެވެ.