ހަނިމާދުއަށް އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓުތަށް ޖައްސާފައިވަނީ އިމިގްރޭޝަންގެ ހުއްދައާ އެކުކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ ފްލައިޓެއް މިއަދު ރާއްޖެ އައިސްފައިވަނީ، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ސަވައިލަންސް ޕެޓްރޯލްގައި ބައިވެރިވުމަށެވެ.
މި މަތިއްދާބޯޓު ޖައްސާފައިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި، ޤަވައިދާ ޚިލާފަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްދާ ކަންކަން ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މިއަދު ހަނިމާދުއަށް ބެކަޕް މައިތިންދާބޯޓަކާއެކު، އިންޑިއާ އަސްކަރިއްޔާގެ 2 ބޯޓުވަނީ ޖައްސާފައެވެ. މީގެތެރެއިން ބެކަޕް ފްލައިޓް އަނބުރާ ޤައުމަށް ގޮސްފައިވާކަމަށް އެންއެންޑީއެފުންވަނީ ވިދާޅުވެފައެވެ.
މި ފްލަޓުތަށް އައުމާގުޅިގެން އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާތީ، އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މި އުޅަނދުތަކަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ އިމިގްރޭޝަނަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ނަގަންޖެހޭ ހުއްދަތައް ހޯދާފައި ވުމުންކަމަށެވެ.
އަދި ބޯޓުގައި މިއަދު އައި އިންޑިއާގެ އަސްކަރިއްޔާގެ ފަރާތްތައް ރާއްޖޭގައި ތިބޭނީ، ކޯވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެންޝަން އެޖެންސީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެމަތިންކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގެ ސަވައިލަންސް އޮޕަރޭޝަނަކީ ރާއްޖެއާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން މިގޮތަށް ހިންގާ 54ވަނަ އޮޕަރޭޝަންއެވެ. މިއީ 2009ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތެކެވެ. މި ސަވައިލެންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވައިދާ ޚިލާފައި ކަނޑުމަތީގެ އެއްވެސް ކަމެއް ހިންގާތޯ ބެލުން ހިމެނެއެވެ.
އިންޑިއަށް ނޭވީގެ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުުނު 10:25ގައެވެ.