ވިޔަފާރި

ޓުއާ އޮޕަރޭޓަރުންނަށް އީ.ލަރނިންގ ޕެލްޓްފޯމް މެދުވެރިކޮށް އަލުން ޓްރެއިނިންތައް ފަށައިފި


މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ރަޝިޔާ އާއި ސީ.އައި.އެސް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ޙާއްސަކޮށްގެން ފެށި އީ-ލަރނިންގ ޕްލެޓްފޯމް އަލުން ލޯންޗުކޮށްފިއެވެ.

އެމްއެމްޕީއާރުސީއިން މިއަހަރު ފެބްރުއަރީމަހު ފެށި އީ-ލާރނިން ޕްލެޓްފޯމް މެދުކަނޑާލާފައިވަނީ ކޯވިޑްއާ ގުޅިގެނެވެ.

އީލާރނިން ޕްލެޓްފޯމްގެ ޓްރެއިނިންތައް އަލުން ފަށާފައިވާއިރު، މި ޕެލްޓްފޯމްގެ މަޤްސަދަކީ ރަޝިޔާ އާއި ސީ.އައި.އެސް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް އާއި ލިވަބޯޑުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަޤްބޫލު ގުދުރަތީ ރީތި ތަންތަނާއި އާސާރީ ތަންތަނުގެ އިތުރުން ދިވެހި ސަގާފަތާ ބެހޭ މައުލޫމާތު ހިއްސާކުރުމެވެ. އެގޮތުން ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނައުމަކީ ވެސް މި ޕްލެޓްފޯމްގެ އަމާޒެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއިން ބުނީ ރަޝިއާގެ ޕްރޮފީ ޓްރެވަލް އާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން 2000 ޓުއާ އޮޕަރޭޓަރުން ތަމްރީންދޭނެކަމަށެވެ. މިތަމްރީންގައި ބައިވެރިވާ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ފޮނުވާ 3 ފަރާތަކަށް ދިވެހިރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ރަޝިއާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު ރާއްޖެ އަށް އެޤައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ
އަދަދު 29.6 އިންސައްތަ ވަނީ އިތުރުވެފައެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައިވެސް ރަޝިއާ ހިމެނެއެވެ. އަދި ރާއްޖެއާއި ރަޝިއާއި ދެމެދު ފްލައިޓްތައް ފެށިގެން ދިއުން ވެގެންދާނީ އެޤައުމުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަކަށެވެ.