ވިޔަފާރި

ފްލައިޓްތަކުގެ އަދަދު އިތުރުވާން ފަށައިފި


އޯގަސްޓްމަހު ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައިޓްތަކާއި ފުރި ފްލައިޓްތައް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމެޓަޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހާއި އަޅާބަލާއިރު އޯގަސްޓްމަހު ވީއައިއޭގެ އިންޓަރނޭޝަނަލް އެއަރ ޓްރެފިކް މޫވްމަންޓް ވަނީ 196 އިން 432 އަށް އިތުރުވެފައެވެ. އަދި ޑޮމެސްޓިކް އެއަރޓްރެފިކް މޫވްމަންޓު ވަނީ 191 އިން 326 އަށް އިތުރުވެފައެވެ.

ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވާއިރު ޖުލައި މަހު ބޯޑަރު ހުޅުވާލިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައިމަހު ރައްޖެއިން ފުރި އިންޓަރނޭޝަނަލް ޑިޕާޗާޒްގެ އަދަދަކީ 4106 އެވެ. އަދި އޯގަސްޓްމަހު މި އަދަދު ވަނީ 14045 އަށް އިތުރުވެފައެވެ. މީގެއިތުރުން ޖުލައިމަހު އެތެރޭގެ އުދުހުންތަކުގެ ޑިޕާޗާޒްގެ އަދަދަކީ 2555 ގައެވެ. އަދި އޯގަސްޓްމަހު މި އަދަދު ވަނީ 3438 އަށް އިތުރުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 7628 ފަތުރުވެރިންނެވެ. އަދި ޖުލައިމަހު ރާއްޖެ ޒިޔާރަތްކުރީ 1701 ފަތުރުވެރިންނެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 9329 އެވެ.