ޚަބަރު

ޑްރަގް އޮޕަރޭޝަނެއްގައި 3 ކިލޯގެ ޑްރަގާއި ބައިލައްކައަށްވުރެ ގިނަ ރުފިޔާ


މާލޭގެ 3 ގެއެއް ބަލާ ފާސްކޮށްް 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލައިގެންފިއެވެ. ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ރޭ 18:15 އެހާކަންހާއިރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއަކާއި މާފަންނުން ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން މާފަންނުން ފުލުހުން ބަލާ ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2،750 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އަނެއް ގެއިން 54،800 ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ގަލޮޅުން ފުލުހުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 3.3 ކިލޯއަށް އަރާކަމަށާއި މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.