ތަޢުލީމު

ފުޓްބޯޅައަށް ކުދިން ހިތް ޖައްސަންޖެހޭނީ ތުއްތުއިރު- ނައިބު ރައީސް


ފުޓްބޯޅައަށް ކުދިން ޝައުޤު
އުފެއްދުމަށް މަސައްކަތް ކުރަންޖެހޭނީ އެކުދިން އެންމެ ތުއްތު އިރުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު  އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ. 

 ނައިބް ރައީސް މިހެން ވިދާޅުވީ މިއަދު ސޮކަރ
ވެޓެރަންސް  އެސޯސިއޭޝަނާއި މައިލޯ ގުޅިގެން ފެށި މައިލޯ ކިޑްސް ފުޓްބޯލް
ފެސްޓިވަލް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުނެވެ. 

މިފެސްޓިވަލް
ހުޅުއްވައި ދެއްވަމުން ނައިބް ރައީސް ވިދާޅުވީ މިފެސްޓިވަލަކީ މިފަދަ ތުއްތުކުދިންގެ
ހިތްތަކުގައި ފުޓްބޯޅައަށް ލޯބި ޖެއްސުމަށް ވަރަށް ރަނގަޅު ފެސްޓިވަލެއްކަމަށެވެ. އަދި ކިޔެވުމާއި އެއްވަރަށް ކުޅިވަރަކީވެސް މުހިއްމު އެއްޗެއްކަމަށް ނައިބް ރައީސް
އަހުމަދު އަދީބް ވިދާޅުވިއެވެ.

" ހާއްސަކޮށް ފުޓްބޯޅައަށް ތިފަރާތްތަށް ދެއްވާ އަހައްމިއްޔަތަށް ވަރަށް ޝުކުރު އަދާކުރަން. ހަމަގައިމުވެސް އަހަރުމެންގެ ގައުމީ ކުޅިވަރަކީ ފުޓްބޯޅަ. އެހެންވެ ފުޓްބޯޅައަށް އާ ކުދިން އުފެއްދުމަށް އެންމެ ތުއްތުއިރު އެކުދިންގެ ހިތުގައި ލޯބި ޖެއްސުން މުހިންމު. ސޮކާ ވެޓްރަންސްއަށާ ނެސްލޯ މައިލޯއާ އެޑިއުކޭޝަން މިނިސްޓާރ އަދި މިމުބާރާތުގައި ބައިވެރިވާ ހުރިހާ ސްކޫލްތަކަށް އަދި ހަމައެެހެންމެ ހުރިހާ ބެލެނިވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް ސަރުކާރުގެ ނަމުގައި އަޅުގަނޑު ދަންނަވަން. " ނައިބު ރައީސް ވިދާޅުވިއެވެ. 



މޯލްޑިވްސް ސްކޮރ ވެޓްރެންސް
އެސޯސިއޭޝަންއިން މަޢުލުމާތުދޭ ގޮތުގައި މިފެސްޓިވަލަކީ ކުޑަކުދިންނަށް ފުޓްބޯޅަ
ކުޅުމުގެ ފުރުސަތު ލިބުމުގައި ދަތިތަކެއް ހުރުމުންނާއި، ވީހާވެސްގިނަ ޕްރީ
ސްކޫލާއި ގްރޭޑް އެކެއްގެ ކުދިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން
ބާއްވާ ފެސްޓިވަލެކެވެ.  



މިފެސްޓިވަލް ކުރިއަށްދާނީ
ޕްރީ ސްކޫލް ކުދިންގެ ކެޓަގަރީއާއި ގްރޭޑް އެކެއްގެ ކުދިންގެ ކެޓެގަރީ ވަކިންނެވެ. މިމުބާރާތުގައި
މިފަހަރު ހަތާވީސް ސްކޫލަކުން ބައިވެރިވެފައިވާއިރު، މިމުބާރާތުގައި ދުވިސައްތަ
އަށާވީސް މެޗް ކުޅޭނެއެވެ. އަދި މުޅި ޖުމްލަ މިފެސްޓިވަލްގައި ފައްސަތޭކަ ހަތަރު
ކުދިން ބައިވެރިވާނެއެވެ.