ތަޢުލީމު

ޖޭ އެސްގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް އަމަލީ ތަޖްރިބާތަކެއް


ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ސޯޝަލް ސްޓަޑީޒްގެ ފިލާވަޅުތަކާގުޅޭ މައުލޫމާތު އުނގެނުމުގެ ތަޖުރިބާ ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ޖަމާލުއްދީން ސްކޫލްގެ ހޯލްގައި ކުރިއަށް ދިޔަ މި ސެޝަނަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމްވެސް ވަޑައިގެން ބައްލަވާލައްވާފައިވެއެވެ. 

އެ ސްކޫލްގެ ސޯޝަލް ސްޓަޑީޒް ޓީޗަރ ހިދާޔާ މޫސާ ވިދާޅުވީ، މިއީ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުން ގެ ސޯޝަލް ސްޓަޑީޒް ގެ ޓޮޕިކެއް ކަމަށްވާ " ވޮންޑަރފުލް ވޯލްޑް " ގެ ސެޝަންގައި ދުނިޔޭގެ އެކި އެކި ޤައުމުތަކުގެ ސަޤާފަތާއި އާދަކާދައާއި، ކެއުމާއި ހެނދުން އެޅާގޮތް ދަރިވަރުންނަށް އެކި ސްޓޯލްތަކުން އަމިއްލައަށް ދެކި ތަޖުރިބާ ކުރުމަށްޓަކައި ބޭއްވި ހަރަކާތެއް ކަމަށެވެ.

މި ހަކަރާކާތުގެ ސަބަބުން ކުދިންނަށް އެކި ޤައުމުތަކާއި ރާއްޖެއާއި ހުރި ތަފާތާއި އެއްގޮތް ކަންކަންވެސް ދެނަގަނެވިގެންދާނެކަމަށް ހިދާޔާ ވިދާޅުވި އެވެ. މީގެ އިތުރުން މި ގޮތަށް މިފަދަ ފިލާވަޅުގެ މައުލޫމާތު ގެނެސްދިނުމުގެ ސަބަބުން ސައިންސާއި ހިސާބުުފަދަ މާއްދާތަކުގެ މައުލޫމާތުވެސް ފަސޭހައިން އެންގިގެންދާނެކަމަށް ހިދާޔާ މޫސާ ފާހަގަކުރެއްވި އެވެ.

މި ޙަރަކާތަކީ މިއަހަރު އަލަށް އަމަލުކުރަން ފެށި ތައުލީމީ މަންހަޖުގެ ދަށުން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ސްކޫލުންނާއި އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.