ޚަބަރު

ޑޮލަރު ވިއްކުމާއި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އޮޅުވާލާ މައްސަލަތައް އިތުރުވެއްޖެ


ޑޮލަރު ދޭނަކަމަށްބުނެ އޮޅުވާލައިގެން މީހުގެންއަތުން ފައިސާ ނަގާ މައްސަލައާއި، ވިޔަފާރިކުރުމަށްފަހު ފައިސާ ދިނުމަށް ހަދާ އޮންލައިން ޓްރާންސެކްޝަންތައް އޮޅުވާލާ މައްސަލަތައް އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޑޮލަރު ދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު، ޚަބަރުނުވުމުގެ މައްސަލަތަކާއި، އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރިކަމަށްބުނެ ނުބައި ސްލިޕް ޕޮނުވާ މައްސަލަތައް ހުށަހަޅަމުންދާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ، ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފަރ ގަބޫލުކުރަން ފެށުމުންކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް ޙިއްސާކުރައްވަމުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ، ޑޮލަރު ހޯދުމަށް މުއާމަލާތުކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނޭނގޭކަން މިފަދަ މައްސަލަތަކުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްޙަ މައުލޫމާތު ހޯދައި ޔަޤީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

މިދުވަސްވަރަކީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްކަމުން، ގިނަ ފަރާތްތަކުން ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރުމާއި ގިނަ ވިޔަފާރިތަކުންވެސް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން ވިޔަފާރިތަކުންވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފަރ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އެދިފައެވެ. އަދި ފައިސާ ޖަމާވިކަން ޔަގީޤީންކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.