ޚަބަރު

ތޫފާން ހައިޝެންގެ އަސަރު ދެކުނު ކޮރެއާއަށް


ބާރުގަދަ ތޫފާން ހައިޝެން ޖަޕާނަށް ބޮޑެތި ގެއްލުންތައް ދިނުމަށްފަހު ދެކުނު ކޮރެއާއަށް ފޯރައިފިއެވެ.

ގަޑިއަކު 70 މޭލުގެ ބާރުމިނުގައި ވައިޖެހެމުންދާ ތޫފާން ކޮރެއާގެ އުލްސަން ސިޓީއަށް އެރުމުގެ ސަބަބުން 30،000އަށްވުރެ ގިނަ ގޭބިސީއިންނާއި ކާރުޚާނާތަކުންވަނީ ކަރަންޓު ކެނޑިފައެވެ. ތޫފާނުގެ ސަބަބުން މޫސުން ގޯސްވެ 10 ވައިގެ ބަނދަރަކުންވަނީ 300އަށްވުރެ ގިނަ ވައިގެ ދަތުރު ކެންސަލްކޮށްފައެވެ. އަދި ބައެއް ރޭލުދަތުރުތައްވެސްވަނީ މެދުކަނޑާލައިފައެވެ. ތޫފާނުގެ ސަބަބުން ގިނަ ޢަދަދެއްގެ ގަސްތައް ވެއްޓި ބިންގަނޑު ދަމައިގެން ދިޔުމުގެ ހާދިޘާތައްވަނީ ހިންގާފައެވެ. 1،600 މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮސޤފައެވެ.

ކޮރެއާއަށް އެރުމުގެ ކުރިން އެ ތޫފާންވަނީ ޖަޕާނަށް އަރެމުން އެ ޤައުމަށްވެސްވަނީ ގެއްލުންތައް ލިބިފައެވެ. އެގޮތުން އެ ޤައުމުގެ އުތުރުގެ ރަށްތަކަކަށް ތޫފާން އަރައި ގިނަ އެތައް ހާސް ގެއަކުންވަނީ ކަރަންޓު ކެނޑިފައެވެ. ކްޔުޝޫ ސަރަޙައްދުގެ 440،000 ގެއަށް އަދިވެސް ކަރަންޓު ލިބިފައެއް ނުވެއެވެ. ތޫފާނުގެ ސަބަބުން 50 މީހުން ޒަޚަމްވެ ހަތަރު މީހުންވަނީ ގެއްލިފައެވެ. އަދި ތޫފާނުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ދެ މިލިއަނަށްވުރެ ގިނަ މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ކޮރެއަން ޕެނިންސުލާއަށް ބާރުގަފަ ތޫފާނެއް އަރާފައި މިވަނީ މޭސަކު ތޫފާނު އެ ސަރަޙައްދަށް އަރާ ބޮޑެތި ގެއްލުންތައް ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވާނީހެވެ.